ސިންގަޕޫރު (27 ޖުލައި) - ގައުމުން ފިއްލަވައިގެން އުޅުއްވާ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ސިންގަޕޫރުގައި ހުންނަވާ މުއްދަތު ދިގު ކުރައްވައި ވިސާގެ މުއްދަތު އިތުރު ކުރައްވައިފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެން އެއްރޭ ހުންނެވުމަށްފަހު ގޮޓަބަޔަ ސިންގަޕޫރަށް ވަޑައިގަތީ ދެ ހަފްތާގެ ޝޯޓް ޓާމް އެންޓްރީ ޕާސްއެއްގަ އެވެ. ނަމަވެސް މިހާރު ގޮޓަބަޔަ ވަނީ އިތުރު 14 ދުވަހަށް ވިސާ އިތުރު ކުރައްވާފަ އެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ގޮޓަބަޔައަށް ކުރިމަތިވމުން ދިޔަ ފިއްތުންތަކާއެކު އޭނާ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތީ އެގައުމުން ހިމާޔަތް ދިނުމުން ކަމަށް އަޑު ފެތުރުނު ނަމަވެސް ސިންގަޕޫރުގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށް ގޮޓަބަޔަ އެގައުމަށް ވަޑައިގަތީ އަމިއްލަ ދަތުރު ފުޅެއްގައި ކަމަށް ބުނެފަ އެވެ.
މި ރިޕޯޓުތައް އައިސްފައި މިވަނީ ގޮޓަބަޔަ އަނބުރާ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސްރީލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑުލަ ގުނަވަރްދަނަ ވިދާޅުވެފައިވަނިކޮށެވެ.
މީގެ ދެހަފްތާ ކުރިން ސިންގަޕޫރަށް ވަޑައިގަތުމަށްފަހު މާ ގިނައިރު ތަކެއް ނުވެ ގޮޓަބަޔަ ވަނީ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭގެ ފަހުން ސައޫދީ އަރަބިއާއަށް ވަޑައިގަންނަވާނެ ކަމުގެ ރިޕޯޓުތަކެއް އާއްމު ވިނަމަވެސް އެކަން ސްރީލަންކާއިން ވެސް ނުވަތަ ސައޫދީ އަރަބިއާއިން ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް