ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ބަނޑުބޮޑުކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
ކަރީނާ މިހާރު ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދަރިން ޓައިމޫރާއި ޖެހް އާއެކު ޔޫރަޕްގަ އެވެ.
ޗުއްޓީގައި ނަގާފައިވާ އޭނާގެ އެއް ފޮޓޯ ވައިރަލްވިއިރު، އެ ފޮޓޯގައި ބެބީ ބަމްޕްއެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ރިޕޯޓްތައް ދޮގުކޮށް ކަރީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީސްގައި ބުނެފައި ވަނީ އެފޮޓޯގައި އެގޮތަށް ފެނިފައިވަނީ މާ ވަރުގަދައަށް ކައިގެން ހުރުމުން ކަމަށެވެ.
ފިރިމީހާ ސައިފްއާ ހަވާލާދީ ކަރީނާ އިތުރަށް ބުނީ އިންޑިއާގެ އާބާދީގައި މިހާރު ވެސް ވަރަށް ބޮޑަށް ހިއްސާވެވިއްޖެ ކަމަށް ސައިފް ބުނާ ކަމަށެވެ.
ބޮލީވުޑްގެ ތަރިންނާ ހިލާފަށް ސައިފް އާއި ކަރީނާ ފާހަގަކުރެވިފައި ވަނީ އެ ދެމަފިރިންނަށް ކުއްޖަކު ލިބޭކަން އެ މީހުންނަށް ސަޕޯޓް ކުރާ މީހުންނަށް ދުރާލައި އެ މައުލޫމާތު ހިއްސާކުރާ ދެމަފިރިންގެ ގޮތުގަ އެވެ.
ކަރީނާ އާއި ސައިފްގެ ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާއިރު ބަނޑުބޮޑު ދުވަސްވަރު ވެސް ކަރީނާ އުޅުނީ އާންމުންނާއި ނޫސްވެރިންނަށް ވަރަށް ބޮޑަށް ފެނިގެންނެވެ.
ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ. ދެވަނަ ދަރިފުޅު ޖެއި ލިބުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސައިފްގެ ފުރަތަމަ ކައިވެންޏަށް ވެސް ދެ ކުދިން ލިބިފައިވާތީ އޭނާ އަށް ބައްޕަ ކިޔާ ހަތަރު ކުދިން އެބަތިއްބެވެ. އެ ކުދިންނާ ވެސް ކަރީނާއާ ގާތްގުޅުމެއް އޮވެ އެވެ.
ކަރީނާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ދެން ރިލީޒް ކުރުމަށް އާމިރު ޚާން އާއެކު ފެނިގެންދާ ލާލް ސިންގް ޗަދާ އެވެ.
ހޮލީވުޑްގެ ފިލްމު ދަ ފޮރެސްޓް ގަމްޕްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ލާލް ސިންގް ޗަދާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.
ކަރީނާގެ ޑިޖިޓަލް ޑެބިއު އަށް ވެސް ވަނީ ތައްޔާރުވެފަ އެވެ. ދާދި ފަހުން އޭނާ ވަނީ ސުޖޯއީ ގޯޝް ޑައިރެކްޓްކޮށްފައިވާ އޭނާގެ އޯޓީޓީ ޕްރޮޖެކްޓްގެ ޝޫޓިން ނިންމާލާފަ އެވެ. އެއީ ޖަޕާނުގެ ނޮވެލް "ދަ ޑިވޮޝަން އޮފް ސަސްޕެކްޓް އެކްސް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށާއި، އޭގެ އިތުރުން ޖައިދީޕް އަހްލާވަތު އާއި ވިޖޭ ވަރްމާ ވެސް ފެނިގެންދާ ކަމަށެވެ.