ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ދައުރުން ފެށިގެން ހިންގާފައިވާ އަނިޔާގެ މައްސަލަތައް ބެލޭގޮތަށް އިންތިގާލީ އިންސާފުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމިގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރީ 53 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށައަޅުއްވާފައިވާ މިބިލުގައިވަނީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން މުއައްސަސާއެއްގެ ވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަނިޔާވެރި އަމަލުތައް ބަލައި ތަހުގީގުކޮށް އެފަދަ ކަންކަމަށް އިންސާފު ހޯދައިދިނުމަށެވެ. ނަމަވެސް ކޮމިޓީން މިބިލަށް ގެނައި އިސްލާޙުގައިވަނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 ވަނަދުވަހުގެ ނިޔަލަށް ހިނގާފައިވާ އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށް ފާސްކޮށްފަ އެވެ.
މިގޮތަށް އެ ބިލު ފާސްކޮށްފައި ވަނީ ފުރަތަމަ ޖުމްހޫރިއްޔާ ގާއިމުވި ދުވަހުން ފެށިގެން ހިނގާފައިވާ އަނިޔާވެރި އަމަލުތަކަށް އިންސާފު ހޯދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށާއި އާންމުން ފޮނުވި ޚިޔާލުތަކާއި އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލިހުގައި ބޭއްވި ފޯރަމުގައި އާންމުން ފާޅުކުރި ޚިޔާލުތަކަށް ބަލައިގެން ކަމަށް ކޮމިޓީގެ ދިރާސާ ރިޕޯޓުގައި ވެ އެވެ. މިޤާނޫނު މިގޮތަށް ފާސްވެއްޖެނަމަ ރައީސް އިބްްރާހީމް ނާސިރާއި ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ވެސް މަގުފަހި ވެގެންދާނެ އެވެ.
މި ގާނޫނުގައިވާ ގޮތުން އަނިޔާގެ ބަދަލު ހޯދައިދިނުމަށް މި ގާނޫނުގެ ދަށުން ކަނޑައެޅޭ އޮންބުޑްސް ޕާސަންގެ އޮފީހަށް ހުށައަޅައިފިނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ބަދަލު ހޯދައިދިނުމުގެ އިޚްތިޔާރު އެއޮފީހަށް ލިބިގެންވެ އެވެ. އެގޮތުން ނަގައިދެވޭ ބަދަލުގެ ތެރޭގައި މާލީ ބަދަލުތަކާއި އެހެނިހެން ބަދަލުތައް ހިމެނޭކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ބަދަލު ނަގައިދިނުމަށް ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ މިންގަނޑުތަކުގެ ގަވައިދެއް ބަންޑާރަނައިބުގެ ލަފައާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަދަންވާނެ ކަމަށް ވެސް ކޮމިޓީގެ އިސްލާޙުގައި ވެ އެވެ.
ރައީސް އަމީންގެ ދައުރުން ފެށިގެން ހިނގާފައިވާ އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދައިދޭން ފާސްކޮށްފައިވާއިރު ފާއިތުވި 67 އަހަރުގެ ތެރޭގައި އަނިޔާ ލިބިފައިވާ މީހުން މިހާރު ދުނިޔޭގައި ތިބޭނެތޯ ސުވާލު އުފެދެ އެވެ. އަދި ހަމަ އެހެންމެ މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގޮތް ނޭނގޭ އެތައް މަރުތަކާއި އަނިޔާގެ މައްސަލަތައް ފެންމަތިވެފައިވާއިރު މިސަރުކާރުގެ ވެރިކަމުގެ މުއްދަތުގައި ހިނގާ ކަންކަން ނުހިމެނޭ ގޮތަށް މިފަދަ ގާނޫނުތައް ފާސްކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ވަނީ މަރު ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ.
މި ކޮމިޝަނުގެ މަސައްކަތް އެހާ ބާރަށް ކުރިއަށް ނުދާތީ އެކިފަރާތްތަކުގެ ފާޑުކިޔުންތައް މިކޮމިޝަނަށް ވެސް ވަނީ އަމާޒުވެފަ އެވެ. މިކޮމިޝަން އުފެއްދެވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކުގެ ތަހުގީގު ކުރުމަށްކަން ފާހަގަކުރެވެ އެވެ.