ދުވާލެއްގެ މައްޗަށް މަދުވެގެން އަށް ތަށި ފެން ބޯންޖެހޭކަން އެންމެންނަށް ވެސް އެނގެ އެވެ. ގިނައިން ފެން ބުއިމަކީ ސިއްހީ ވަރަށް ގިނަ މައްސަލަތަކުން ރައްކާތެެރިކޮށް ދޭނެ ކަމެކެވެ. އެކަމަކު ސުވާލަކީ، ފެން ބޯންވީ ކިހިނެއް ހެއްޔެވެ؟ އެކަމުގައި ގެންގުޅެން ޖެހޭ ރަނގަޅު އާދަތަކަކީ ކޮބާ ހެއްޔެވެ؟
ކެއުމުގެ ކުރިން ފެން ބުއިން
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ކެއުމުގެ ކުރިން ފެން ބުއިމަކީ ވަރަށް މުހިއްމެކެވެ. އެގޮތުން ކެއުމުގެ ބައިގަޑިއިރު ކުރިން ފެން ތައްޓެއް ބޯލުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި މަދުކޮށް ކެއުމަށް ބާރު އެޅުން ހިމެނެ އެވެ. ފެން ބުއިމަކީ ބަނޑުފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭނެ ކަމަކަށްވާތީ ކެއުމުގެ ކުރިން ފެން ތައްޓެއް ބޯލުމުން ކެވޭ މިންވަރު މަދުވާނެ އެވެ.
ހެނދުނު ހައިބަނޑާ ފެން ބުއިން
ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ފެން ބުއިމަކީ ބަރުދަން ލުއިކޮށް ދިނުމާއި މީހާގެ ޒުވާންކަން ވެސް ދަމަހައްޓަން އެހީވާ ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ އެންމެ ފުރަތަމަ ހަށިގަނޑުގެ އެތެރެ އަށް ދާ އެއްޗަކީ ފެން ކަމަށް ހަދާށެވެ. ހުސް ފެން ތައްޓެއް ބޯލަން އުނދަގޫ ނަމަ ލުނބޯ ހުތާ އެކީ ވެސް ބޭނުން ކުރެވިދާނެ އެވެ.
ކަސްރަތު ކުރާއިރު ފެން ނުބުއިން
ކަސްރަތުކުރަމުން ފެން ބުއިމަކީ ވެސް ރައްކާތެރި ގޮތެއް ނޫނެވެ. ކަސްރަތުކުރުމަކީ ހަށިގަނޑުން ވަރަށް ގިނަ ފެން (ދާ ހިތްލުން) ބޭރުވާނެ ކަމެކެވެ. އެހެންވެ ކަސްރަތުކޮށް ނިންމާލާފައި ފެން ބޯން އަދާކުރާށެވެ. ކަސްރަތުގެ ކުރިން އެއްޗެއް ބޯ ނަމަ ކުރުނބާ ފެން ކަހަލަ އެއްޗެއް ރަނގަޅުވާނެ އެވެ.
އިށީނދެ އިނދެ ފެން ބުއިން
ކޮޅަށް ހުރެގެން ފެން ބުއިމަކީ ވެސް ރައްކާތެރި ގޮތެއް ނޫނެވެ. އެގޮތަށް ފެން ބޯ ނަމަ އަވަސް އަރުވާލައިގެން ފެން ބޮވި، އެއާ އެކު ހަށިގަނޑަށް އެތެރެވާ އޮކްސިޖަން އިތުރުވެ ހިތާއި ފުއްޕާމެ އަށް މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ހަމަޖެހިލައިގެން އިށީނދެގެން އިނދެ މަޑުމަޑުން ފެން ބުއިމެވެ.