މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެނބުރި އަންނަން ފަށާނެ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްތިބި ދިވެހިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ބެޗް މިމަހުގެ 20 ވަނަ ދުވަހު އައުމަށް ނިންމާފައިވާއިރު، 23 އަދި 27 ގައިވެސް ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ނިންމާފަ އެވެ.
ދިވެހި ހައްޖު މިޝަނުން ވިދާޅުވީ، ރާއްޖެއިން މިފަހަރު ހައްޖަށް ދިޔަ 453 ދިވެހިން އައްޔާމުއްތަސްރީގުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލައުކުމަށްފަހު މިވަގުތު މައްކާގެ ދިވެހިންނަށް ހާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާކަމަށެވެ. އަދި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަނުން ވިދާޅުވެ އެވެ.
މިއަހަރު ރާއްޖެއަށް ލިބިފައި ވަނީ 453 ކޯޓާއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.