މީގެ ދެ އަހަރު ކުރިން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ އެ ކުއްޖާގެ ކާފަ އާއި ދޮން ކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ އާއި ދޮން ކާފަ ހަސަން މޫސާ ދީދީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުލަތުން ކުރި ދައުވާ ސާބިތުވީ ހެކީންގެ ހެކިބަހުން ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ.
އެ މައްސަލަ އަކީ މުޅި ގައުމުގެ ސާމާލުކަން ހޯދި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުގައި މުޒާހަރާކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި ހެދި އެވެ.
އެ ކުއްޖާ ބެލުމުގައި އިހްމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދެ މީހުންގެ މައްޗަށް އުފުލީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ދައުވާއާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ.
ކަނޑުހުޅުދޫ ކޯޓަށް ހުށަހެޅި އެ މައްސަލަ އަދި ނިމިފައެއް ނުވެ އެވެ.