މަސްތުވާތަކެތީގެ މައްސަލާގައި މިދިޔަ އަހަރު ހައްޔަރުކުރި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ވަނީ އެމައްސަލައިން ސަލާމަތްވެފަ އެވެ. އެއީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ލިބިފައިނުވާތީ އެވެ.

މިމައްސަލާގައި ނާކޮޓިލްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އުމުރުން 24 އަހަރުގެ އާރިޔަންގެ ޕާސްޕޯޓްވެސް މިދިޔަ އަހަރު ހިފަހައްޓާފަ އެވެ.

އެންސީބީއިން އާރިޔަންގެ މައްޗަށް ދައުވާނުކުރުމަށް ނިންމި ނަމަވެސް އަދި އޭނާގެ ޕާސްޕޯޓް ދޫކޮށްފައިނުވެ އެވެ. މިކަމާއި ގުޅިގެން އާރިޔަންގެ ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

އާރިޔަންގެ ގާނޫނީ ޓީމްގެ ފަރާތުން ބުރާސްފަތި ދުވަހު ވަނީ ހިފަހައްޓާފައި އޮތް އޭނަގެ ޕާސްޕޯޓް ވީހާ ވެސް އަވަހަކަށް ދޫކޮށް ދިނުމަށް ކޯޓްގައި އެދިފަ އެވެ.

މި މައްސަލާގައި މުމްބާއީ ހައި ކޯޓުން ގޮތެއް ނިންމާނީ އަރިއަންގެ މައްސަލާގައި މި މަހުގެ 13 ވަނަ ދުވަހު އެންސީބީއާ އެކު ބާއްވާ އަޑުއެހުމަށް ފަހު އެވެ.

އާރިޔަނާއި އޭނާގެ އެކުވެރިންތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ މުމްބާއީގެ ފަޅު ބޭރުގައި އޮތް ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އަރިއަން ޖަލުގައި ހައްޔަރުކޮށް 28 ދުވަސް ފަހުން ދޫކުރީ ކަފާލާތުގެ ދަށުން މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 30 ގަ އެވެ.

އަރިއަން ހައްޔަރުކުރުމާ ގުޅިގެން އެންސީބީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ގިނަ ބަޔަކު އޭރު ބުނަމުން ދިޔައީ އެއީ ވެރިކަން ކުރާ ބީޖޭޕީ އަށް ނިސްބަތްވާ ވެރިންތަކެއް އިސްކޮށް ތިބެގެން ޝާހްރުކްގެ ނަން ހުތުރުކުރަން ހިންގި އެއްވެސް އަސާސެއް ނެތް ކުޅިގަނޑެއް ކަމަށެވެ. އަދި އެ މައްސަލާގައި އޭރު އެންސީބީގެ ވެރިއަކަށް ހުންނެވި ސަމީރު ވަންކެޅެގެ މައްޗަށް ތުހުމަތުކުރެވުނު ކޮރަޕްޝަންގެ އެތައް ތުހުމަތުތަކަކާ ގުޅިގެން އޭނާ މަގާމުން ވެސް އެކަހެރިކުރި އެވެ.

އާރިޔަން، 24، އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.