އަދިވެސް އާސަންދަ ސްކީމަކީ އެންމެ ފުރިހަމަކޮށް އޮތް ސްކީމެއް ނޫން ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ގައުމީ ސިއްހީ އިންޝުއަރަންސް ނިޒާމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދަ ސްކީމް އިސްލާހުކުރުމުގައި ގޮންޖެހުންތައް ވެސް އެބަހުރި ކަމަށެވެ. އަދި އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް، އާސަންދައިގެ ވީހާވެސް ބޮޑު ކަވަރޭޖެއް ހޯދައިދިނުމަށް 2019 އިން ފެށިގެން އެހޮސްޕިޓަލްތަކާއެކު މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އަލަށް ރާއްޖެއަށް ތައާރަފްވަމުން އަންނަ އެކިއެކި ސިއްޙީ ޚިދުމަތާއި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކަވަރުކުރުމަށް އިތުރު 90 ޕެކޭޖް، އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކަށީގެ އެކި އޮޕަރޭޝަންތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާސަންދަ ހިދުމަތުގެ ބޮޑު ބައެއް ހޭދަވަނީ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލަށާއި ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ.

އާސަންދަ ކުންފުނިން އެންމެބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، އަމިއްލަ ޚިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމެވެ. އަދި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.

"ރާއްޖެއަކު ނެތް އުސޫލެއް އަގުތައް ހިފެހެއްޓުމާ ގުޅޭ. ބޭނުންވަރަށް ކްލިނިކްތަކުން އަގުތައް ބޮޑުކުރަމުންދޭ. އެންމެ ފުރަތަމަ އާސަންދަ އުސޫލު އެކުލަވާލީ އޭރުގެ އަގުތަކަށް ބަލައިގެން. އޭރުގެ މާކެޓްގައި ހުރި އަގުތަކަށް ރިއާޔަތްކޮށް. މިހާރު އަގުތައް ޑަބަލް ވެއްޖެ،" އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ބައެއް ކަހަލަ ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައި ވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތައް ފަދަ، އަލަށް ރާއްޖެއަށް ތަޢާރަފްވަމުންދާ ފަރުވާތަކުގެ އަގު އަދިވެސް ނެހެދި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށް މަރިޔަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން އެންސްޕާ އަދި އާސަންދަގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: މަޖްލިސް

މިފަދަ މަސައްކަތްތަކުގައި ކްލިނިކްތަކުގެ އެއްބާރުލުން ހޯދަމުން ތަކުރާރުކޮށް އެދެމުން އަންނަ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އާސަންދައިގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންސްޕާ އަދި ފިނޭންސް މިނިސްޓްރީއާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.