ކުޑަކަމުދާން ބޭނުންވާ ވަގުތު ކުޑަކަމުނުގޮސް ގިނައިރު ހުރުމަކީ ވަރަށް ގިނަބައެއްގެ އާދައެކެވެ. އެހެން ނަމަވެސް މި އާދައިގެ ސަބަބުން، ހަށިގަނޑަށް އަރައިނުގަނެވޭ ވަރުގެ ނުރައްކާތެރި ގެއްލުންތަކެއް މެދުވެރިވާކަމާއި އެ ގެއްލުންތައް ލިބޭ މިންވަރު އެނގެނީ މަދު ބަޔަކަށެވެ.
ކުޑަކަމު ނުގޮސް ގިނަ ވަގުތުތަކެއް ވަންދެން ހުރުމުގެ ސަބަބުން އެންމެ ޢާންމުކޮށް ޖެހޭ މައްސަލަތަކަށް ބަލާއިރު އެކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަޒާސީމު އަށަގަތުމަށް މަގުފަހިވެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އަސްލެވެ. މިގޮތަށް އަށަގަންނަ ޖަރާސީމު އިންފެކްޝަންތަކަށް ބަދަލުވެ ހާލު ގޯސްވާ ފަހަރު ވެސް އާދެ އެވެ.
އެއާއެކު ކުޑަކަމު ނުގޮސް ގިނައިރު ހުރުމަކީ، ކުޑަކަމުދާން ބޭނުންވާ ހިނދު އެ ނިޒާމުން ސިކުނޑިއަށް ފޮނުވާ ސިގްނަލެއް އަމިއްލަ އިޚްތިޔާރާއި އެއްގޮތަށް ބަދަލުކޮށް ހަށިގަނޑުގެ ހިނގުންތަކާއި ދެކޮޅަށް ކުރެވޭ ކަމެކެވެ. ނަތީޖާއަކަށްވަނީ މި ސިގްނަލްތަކުގެ ބާރު ދަށްވެ ދިގު މުއްދަތުގައި ކުޑަކަމުދާންވީ ވަގުތު ދެނެގަތުމަށް އުނދަގޫވުމެވެ.
ކުޑަކަމު ނުގޮސް ގިނައިރު ހުރުމުން ކިޑްނީގެ މައްސަލަތަކާއި ކުރިމަތިވުމަކީވެސް އާންމު ކަމެކެވެ. މިގޮތަށް ދިމާވަނީ ކުޑަކަމުދާ ތަކެތި ގިނައިރު ވަންދެން ބްލެޑާގައި ފުރިބާރުވެފައި ހުރުމުން އެތަކެތީގައި ހުންނަ ޖަރާސީމު ކިޑްނީއާ ހަމައަށް ދިއުމުންނެވެ.
ކުޑަކަމުދާން ޖެހޭ ވަގުތު އެކަން ނުކޮށް ފަރުވާކުޑަ ކުރުމަކީ ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމެކެވެ. އެހެން ކަމުން ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މިކަމަށް ސަމާލުވާން އާދަ ކުރަން ޖެހެ އެވެ.