ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލައިވް ނުކުރަން ޓީވީ ޗެނަލްތަކަށް ކްްރިމިނަލް ކޯޓުން އަންގައިފި އެވެ.
އެ ޓީވީ ސްޓޭޝަނުން ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްގެ ފީޑު ބޭނުންކޮށްގެނެވެ.
މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އެ ޝަރީއަތް ބައެއް ޓީވީ ޗެނަލްތަކުން ލައިވްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ނުކުރުމަށް އަންގާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
"ޝަރީއަތުން ދަންނަވާލަން މި މައްސަލައަކީ މި ކޯޓުގެ ޔޫޓިއުބް ޗެނެލްއިން ލައިވް ކުރަމުންދާ ޝަރީއަތެއް އަދި އެ ޝަރީއަތް އިތުރު ބަޔަކަށް ރީ ބްރޯޑްކާސްޓްކުރާކަށް ޝަރީއަތުން އިޒްނަ ނުވަތަ ހުއްދަ އަރުވާފައެއް ނުވާނެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުން ގެންދާކަން އެބަ ޝަރީއަތައް މައުލޫމާތު ލިބޭ. އެހެންވީމަ އެ ފަރާތްތަކުން އެކަން ނުކުރުމަށް ޝަރީއަތުން ދަންނަވަން," އިސް ގާޒީ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ޓީވީ ޗެނަލްތައް މެދުވެރިކޮށް ލައިވްކޮށްދިނުމަށް ވެސް އެމަނިކުފާނު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އޭރު އިސް ގާޒީ ވިދާޅުވީ ކޯޓުގައި އެފަދަ ވަސީލަތެއް ނެތް ކަމަށެވެ.
ހިލޭ ރައީސް ޔާމީންގެ ޝަރީއަތް ލައިވްކޮށްދޭން ޗެނަލް 13 އިން އެދުމުން ވެސް ކޯޓުން އެ ހުއްދަ ނުދިނެވެ. އެ ސްޓޭޝަނުން އެދުނީ އެތަނުގެ އަމިއްލަ އިކްއިޕްމަންޓުގައި އެ ޝަރީއަތް ލައިވްކޮށްދިނުމަށެވެ.
ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ޕީއެސްއެމް ނިއުސްއިން ލައިވްކޮށްފައިވެ އެވެ. އެ ޝަރީއަތް ލައިވްކުރީ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އެންގެވުމަކަށެވެ.
ނަމަވެސް މިހާރު އެ ޝަރީއަތް ޓީވީ ޗެނަލްތަކުން ލައިވްކުރުން މަނާކުރާ ސަބަބެއް އެ ކޯޓުން ނުބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ތާވަލްކޮށްފައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ.
އެގޮތުން ފުރަތަމަ ނަގަން ފަށާފައިވަނީ, ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި މަސައްކަތް ކުރާ ފުލުހެއްގެ ހެކިބަހެވެ.
މިއަދުގެ އަޑުއެހުން ފެށީ ހަވީރު ހަތަރެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. ނަމަވެސް އިރު އޮއްސުނު އިރު ވެސް އޭނާގެ ހެކިބަސް ނަގާ ނިމިފައި ނުވެ އެވެ.