އަބަދު ވަރުބަލިވެ ނިދިއައިސް ނުވަތަ ލޮޑުވެފަ ހުންނަ ނަމަ އެއީ ކޮންމެވެސް ބައްޔެއްގެ އަލާމާތަކަށް ވުން ގާތެވެ. މިފަދަ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ، ބައްޔެއް ހުރިނަމަ އެ ބަލިން ސަލާމަތްވުމަށް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ.

އެނީމިއާ

އެނީމިއާ ޖެހުމަށް މެދުވެރި ވަނީ ބޭނުންވާ ވަރަށް ވުރެ ލޭގައި ރެޑް ބްލަޑް ސެލްސް މަދުވެ ނުވަތަ ހިމަގްލޮބިން ދަށް ވުމުން ނެވެ. މިހެން ވުމުން ވަރުބަލިވެ މަސައްކަތުގެ މާހައުލުގައި މަސައްކަތަށް ދެވޭ ޝައުގުވެރިކަން ކުޑަވެ އެވެ. އަދި ނިދަން އުނދަގޫވެ ހަށިގަނޑު ލޮޑުވާ ގޮތްވެ އެވެ. މިހެން ވާނަަމަ ލަސްނުކޮށް ލޭގެ ޓެސްޓެއް ހެދުން ބުއްދިވެރި އެވެ.

ހަކުރު ބަލި

ހަކުރު ބަލީގެ ސަބަބުން އަބަދު ކާހިތްވުމާއި ވަރުބަލިވުމުގެ އިތުރުން ހަށިގަނޑުން ހަކަތަ ހުސްވާގޮތް ދިމާވެ އެެވެ. މިހެން ދިމާވަނީ ހަށިގަނޑަށް ބޭނުން ވާވަރަށް ގުލްކޯޒް ނުއުފެއްދޭތީ އެވެ.

ޑިޕްރެޝަން

ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާ ވެއްޖެނަމަ ހުރިހާ ކަމަކުން ފޫހިކޮށްލަ އެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ހާއްސަކޮށް ކާހިތްނުވުމާއި ނިދަން އުދަނގޫވުން ފަދަ ކަންތައްވެ އެވެ. އަދި ހަނދާން ނެތުމާއި ކަންކަމަށް ދެވޭ ޝައުގުވެރިންކަން ކުޑަވެ “ނެގެޓިވް” ކޮށް ކަންކަމާއި ދޭތެރޭ ދެކެވޭ ގޮތްވެ އެވެ.

ސްލީޕް އެޕްނިއާ

މިއީ ނިދީގައި ނޭވާލުމަށް ދަތިވުމުން ދިމާވާ ގޮތެކެވެ. މިހެން ވާނަމަ ހަމައަށް ނިދި ލިބުނު ކަމުގައި ވިޔަސް ހޭލާ އިރު ވަރުވަލިވެފައި ހުރެ އެވެ. މިކަމުން ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމުގެ އިތުރުން ސްޓޮރޯކް ޖެހުމަށް މަގުފަހިވެ އެވެ.