މ. ލަވްނެސްޓް ގޭގައި މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ފެނުނު 42 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންއޮތް ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުންގެ އިހުމާލުން ސަލާމަތްވެފައި ވަނިކޮށް، އަނެއްކާވެސް އެގޭގައި ޑްރަގް އޮޕޮރޭޝަނެއް ފަށައިފި އެވެ.
ކުރިން ފުލުހުން އެގެ ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލަ އެވެ. އެގެ ބަލައި ފާސްކުރަން ހުއްދަ ހޯދީ އެގޭގެ ކުރީގެ ވެރިމީހާގެ ފަރާތުންނެވެ. އެހެންކަމުން އެއީ ގާނޫނާ ޚިލާފު ކަމަކަށްވާތީ އެ މީހުން ވަނީ އެ މައްސަލައިން ސަލާމަތްވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މ. ލަވްނެސްޓް ގޭގައި ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
އެގެއިން ފުލުހުން މަސްތުވާތަކެތި ހޯދީ ތަޅުންގަނޑު ތަޅާލައިގެން ބިމު އަޑީގައި ވަޅުލާފައި ހުއްޓައެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ހުސައިނާއި މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދެވެ.
ޕީޖީ އޮފީހުން ބުނީ އެގެ ބަލައި ފާސްކުރުމުގެ ކޯޓް އަމުރު ހޯދުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ ފުލުހުން ކޯޓު އަމުރު ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮވެ، އެގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ފުލުހުން ހޯދި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ކަން ހިނގި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ނިންމަވާފަ އެވެ.