ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވަނީ ވެސް އެހެން މެމްބަރުންނާ ތަފާތުކޮށް ކޯޓު ފަޓުލޫނުގަ އެވެ. މަޖިލީހުގެ ތަޅުމުގައި ކޯޓު ފަޓުލޫނުގައި ތުރުކުރައްވައިގެން ހުންނަވަނީ ހަމައެކަނި ރިޔާސަތުގައި އިންނަވާ ބޭފުޅެކެވެ.
ނަމަވެސް ފެށުނީއްސުރެ މަޖިލީހުގެ ޖަލްސާތަކަށް ޖާބިރު ވަޑައިގަންނަވަނީ ކޯޓު ފަޓުލޫނުގަ އެވެ. އޭނާ މިއަދު މަޖިލީހަށް ވަޑައިގެން ތަޅުމުގައި ވާހަކަދެއްކެވިއިރު މިއަދު ހުންނެވީ އަވިއައިނު އަޅައިގެންނެވެ.
ޖާބިރު އަވިއައިނު އަޅައިގެން ހުރުމުން ސޯޝަލް މީޑިއާގައި ދަނީ އޭނާއާ ބެހޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުންނެވެ.
ޖާބިރު ވިދާޅުވީ އޭނާ އަޅައިގެން ހުންނެވި ލުއިވުޓޯން ނަންބަރު އަައިނެއް ކަމަށެވެ. އަދި އެއީ ނަމްބަރު އައިނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިނާ ނުބެހޭތި. ކޯޓާ ނުބެހޭތި،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އަޅައިގެން ހުންނެވީ އަވި އައިނެއް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.
މަޖިލީހުގެ ތަޅުމުގައި ޖާބިރަކީ ވަރަށް ތަފާތު ވާހަކަތައް ދައްކަވާ މެމްބަރެކެވެ. މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށާއި ސަރުކާރަށް ވެސް ބައެއް ފަހަރު ވަރަށް ހުތުރުކޮށް ފާޑު ވިދާޅުވެ އެވެ. ޚާއްސަކޮށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާ ދިމާލަށް ވަރަށް ގިނައިން ހުތުރު ބަހުރުވައިން ވާހަކަދައްކަވަ އެވެ.
އެ ދެ ބޭފުޅުންގެ ބަހުގެ ހަމަލާތައް ހޫނުވެ ޖާބިރު ބައެއް ފަހަރު ޝަރީފާ ދިމާލަށް "ބޮލުރޮދި ކެނޑިފައި" ހުރި ބޭފުޅެކޭ ވެސް ވިދާޅުވެ އެވެ. އަދި ޖާބިރު މަޖިލީހަށް ވަޑައިގަންނަވަނީ މަސްތުވެ ހުންނަވައިގެން ކަމަށް ޝަރީފް ތުހުމަތުކުރައްވަ އެވެ.
ޖާބިރު މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ އަޑުކޮޅުތަށް މަޝްހޫރު ޓިކްޓޮކްގައި ވެސް ގިނަ އަދަދަކަށް ދައުރުވެ އެވެ.