ތިލަމާލެ ބްރިޖަކީ މާލީ ބޮޑު ބުރައެއް ކަމަށާއި މިވަގުތަކީ އެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެންމެ ރަގަޅު ވަގުތު ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ޒުވާނުންތަކެއް ސޮއިކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބްރިޖަކީ މާލީ ބޮޑު ބުރައެއް ކަމަށެވެ. އަދި ސަރުކާރުގައި ފައިސާ ނެތިގެން އުޅޭއިރު މި ބްރިޖް އެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުވި 210 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުން އަނބުރާ ދޭން ޖެހެނީ އެންމެ 68 މިލިއަން ޑޮލަރެވެ. އެކަމަކު އިންޑިއާގެ އެހީގައި ވިލިމާލެ ބްރިޖްގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ މަތިވާއިރު، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގަތް ނަމަ، އެ ބްރިޖް އަޅާނީ ހިލޭ އެހީގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"ޗައިނާގެ ޕްރެޒިޑެންޓް ޝީ ޖިންޕިންގެ އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުނު ނަމަ ހިލޭ މި ބްރިޖް ދޭން ބުނެފައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ތިލަމާލެ ބްރިޖް އަޅަން ގެނައި ސިވިލް މުވައްޒަފުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ޗައިނާއާ އެކު ބޭއްވި ގުޅުންތައް ދިފާއު ކުރައްވައި، ޔާމީން ވިދާޅުވީ ޗައިނާއާ އެކު ހެދި އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އިންޑިއާއާ އެކު އެމަނިކުފާނުގެ ސަރުކާރުގައި ހެދި އެއްބަސްވުންތަކުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެވޭ ގޮތަށް ހިމަނާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް މިލިޓަރީ ޕާސަނަލް މިތާނގައި ތިބޭކަށް ރައީސް ޔާމީންގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދޭތެރޭގައި އަކުރެއް ވެސް ނޯންނާނެ ލިޔެފައެއް،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިކަންކަމާއި ދިވެހި ޒުވާނުން ފުންކޮށް ވިސްނާލަން ޖެހޭކަމަށެވެ. ވާދައަށް ކަމެއް ކުރުމަކީ އޭގެ ނަތީޖާ އޭގެ ބުރަ ދިވެހި ރައްޔިތުން އުފުލަންޖެހޭނެ ކަމަށްވިދާޅުވެ ރައީސް ޔާމީން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.