މީގެ ހަތް އަހަރު ކުރިން ބ. ކެންދޫ ފަޅުގައި އަޅާފައި ހުރި އުޅަނދުތަކެއްގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ބ. ކެންދޫ، މޯނިންހައުސް، އަބްދުއްސަލާމް ޔޫސުފް އަށް އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ކުރީ ޓެރަރިޒަމްގެ ދައުވާއެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށް ފެތެނީ މުއްދަލަށް ގެއްލުން ދިނުމުގެ ދައުވާއަށެވެ. ކުރު ހުކުމެއް އޭނާއަށް އައީ އެހެންވެ އެވެ.
އެ ދައުވާ އޭނާގެ މައްޗަށް އުފުލީ 24 އޭޕްރީލް 2015 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އެ ރަށު ފަޅު ތެރޭގައި އަޅާފައި އޮތް ދެ މަސް ދޯންޏާއި ލޯންޗެއްގައި ރޯކޮށްލި ރޯކޮށްލާފައިވާތީ އެވެ. އެ ދައުވާއަށް އޭނާ އިންކާރުކުރި އެވެ.
ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އޭނާ އެރޭ ބަނދަރުމަތީގައި އުޅުނުކަން އެނގެ އެވެ. އަދި "ބަޔަކަށް ގެއްލުންދޭން ޖަރީމާއެއް ހިންގާނެ" ކަމަށް އޭނާ ބުނި ކަމަށް އެކަކު ހެކިބަސް ދީފައިވެއެވެ. އަބްދުއްސަލާމާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަނބިމީހާ ވެސް ހިމެނެ އެވެ.
އޭނާ ހުޅުޖެހި ތިން އުޅަނދުގެ ތެރޭގައި ކުރީގެ އަނބި މީހާގެ ދެ އުޅަނދެއް ވެސް ހިމެނެއެވެ. އޭނާ އެކަން ކުރީ ކުރީގެ އަނބިމީހާގެ އާއިލާއަށް އިންޒާރު ދިނުމަށްފަހު އެވެ. އިންޒާރު ދިނުމުގެ ގޮތުން އޭނާ ބުނެފައި ވަނީ "ރަނގަޅު ބޮނޑިއެއް ދޭނަން" ކަމަށެވެ.
ބަނދަރުމަތީ ހުރި ތެޔޮ ގުދަނުގެ ޗޭނުގަނޑު ބުރިކޮށްލާފައި ވަނީ އަބްދުއްސަލާމްގެ ގެއިން ފެނުނު ބޯލްޓް ކަޓަރުން ކަމަށް ހެކީތަކުން ވަނީ އެނގިފަ އެވެ. އަދި ތެޔޮ ގުދަނުގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުގެ ވާކޮޅުތައް ކަހަލަ ވާކޮޅުލީ ކޮތަޅު ބޮނޑިއެއް އޭނާގެ ގެއިން ފެނުނު ކަމަށް ވެސް ހުކުމްގައިވެ އެވެ.
އަބްދުއްސަލާމްގެ ފައި ފިހިފައި ވަނީ ޕެޓްރޯލް އެޅި އަލިފާން ހިފުމުން ކަން އެނގޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ދެދޯންޏާ ލޯންޗެއް އަންދާލާ ބަޔަކުއިނދަ ޖައްސާލީމަވެސް ދެއަހަރު. ކޮބާތޯ ގެއްލުމުގެ ބަދަލް.