ސިޔާސީ ކެމްޕެއިން އިވެންޓެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދިން މައްސަލައެއް ބަލައި ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް މިއަދު ވިދާޅުވީ އެއްވެސް ފަރާތަކުން ފަނޑިޔާރަކަށް ބިރު ދައްކައި، އިންޒާރު ދިނުމަކީ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީން ފުލުހުންގެ ކިބައިގައި އެދިފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިބާވަތުގެ އެހެން މައްސަލަތަކުގައި ވެސް ޖޭއެސްސީން އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އިޒްމީރާ ވިދާޅުވި އެވެ.
މިމައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް ތަހުގީގު ކޮށްދެއްވުމަށެވެ. އެގޮތުން ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމަށް ސަމާލުވެ، ރައީސް ޔާމީން ދެއްކެވި ވާހަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުގީގުކޮށް ދެއްވުމަށް ޖޭއެސްސީން ފުލުހުންގެ ކިބައިން ވަނީ އެދިފަ އެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުުލުހުން ބުންޏެވެ.
ރައީސް ޔާމީން ފަނޑިޔާރު އަލީ ރަޝީދަށް އާމަޒުކޮށް މިފަދަ ވާހަކަތަކެއް ދައްކަވާފައިވަނީ ދާދިފަހުން ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވަނީ، ފަނޑިޔާރު އަލީ ރަޝީދު ސްޕްރީމް ކޯޓަށް އައްޔަންކުރެވުނު ގޮތާއި، އެމަނިކުފާނުގެ ގާބިލް ކަމާ ގުޅޭގޮތުން ވެސް ސުވާލު އުފައްދަވާފަ އެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވެސް ޖަލުތަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.