ކަސްރަތުކުރާއިރު ދަންނަ ގާތް ރަހްމަތްތެރިޔަކާއެކު ކަސްރަތު ކުރުމުން އެކަމުގެ ފައިދާ އެތައް ގުނައެއް އިތުރު ވެގެންދާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

މިގޮތުން އެކުވެރިޔަކާއެކު ކަސްރަތު ކުރާއިރު އިތުރު ހިތްވަރެއް ލިބިގެންދާއިރު ތަޖުރިބާކާރުން ބުނެފައިވަނީ މިއީ އަމިއްލަ މީހާއަށް ލިބިގެންދާ ކުރިއެރުންތައް ދެނެގަތުމަށް ވެސް ފަސޭހަވެގެންދާ ކަމެއް ކަމަށެވެ.

ކަސްރަތުކުރުމުގައި އެކުވެރިޔަކު ހުރުމަކީ ޝައުގުވެރިކަމާއެކު ފޫހިނުވެ ކަސްރަތު ކުރުމަށް ލިބޭ ބާރެއް ކަމަށް ވެސް މާހިރުން ބުނެ އެވެ

މީގެ އިތުރުން އެ ރަހްމަތްތެރިޔާގެ ސަބަބުން ކަސްރަތުކުރުމަށް ކޮންމެ ދުވަހަކު އިތުރު ހިތްވަރަކަށްވާއިރު އެކުގައި ކަސްރަތު ކުރާނެ އެކުވެރިޔެއް ހޯދުމުގައި ތިބާއާ އެކުގައި އެއްވަރަކަށް ނުވަތަ އިތުރަށް މަސައްކަތް ކުރާނެ މީހަކު ހޯދުމަށް ވަނީ އިރުޝާދުދީފަ އެވެ.

އެކުވެރިޔަކާއެކު ކަސްރަތުކުރުމުން މީހާއަށް އިތުރު ކަންކަން ދަސްވާއިގު އެ ކަސްރަތެއް ކުރުމަށް އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާފަދަ ކަސްރަތުތައްވެސް ކުރެވޭނެ އެވެ.

އެއާއެކު ދެ މީހުން އެކުގައި ކަސްރަތުކުރުމުން އެކުވެރިކަންވެސް އިތުރަށް ބަދަހިވެ އެކުގައި ކުރެވޭ ކަސްރަތުތަކުން އެކަކު އަނެކަކަށް އޮތް އިތުބާރު ބޮޑު ކުރެވޭނެ އެވެ.

ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި އެކަނި ކަސްރަތުކުރުމުގައި އެއްވެސް މައްސަލައެއް ނެތްނަމަވެސް ގާތް އެކުވެރިޔަކާއެކު ކަސްރަތު ކުރުމަކީ އެކަމުގެ ނަތީޖާ އަވަހަށް ފެންނަ ކަމެކެވެ.