ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އޭނާގެ އާއިލާ އަށް، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސޮނެވާ އިން މިއަދު ދޮގުކޮށްފި އެވެ.
ސޮނެވާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާޖަޕަކްސާގެ އާއިލާ އަށް އެތަނުގެ ރިސޯޓަކުން ވިލާއެއް ވިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ. އެތަނުން ބުނީ ސޮނެވާގެ އެއްވެސް ޕްރޮޕަޓީއެއް ރާޖަޕަކްސާގެ އާއިލާ އަށް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
ސޮނޭވާގެ ބަޔާނުގައި ބުނީ ވިލާއެއް ގަތުމާގުޅޭ އެއްވެސް މަޝްވަރާއެއް ރާޖަޕަކްސަގެ އާއިލާގެ އެއްވެސް މެންބަރަކާއެކު ވެސް ކުރިއަށްގެންގޮސްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ސޮނޭވާގެ ސީއީއޯ ސޯނޫ ޝިވްދަސަނުއާއި މަހިންދަ ރާޖަޕަކްސްއާއި އެއްވެސް އިރެއްގައި ދިމާވެ، ބައްދަލުވެފައި ނުވާކަން ވެސް ސޮނޭވާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ހިންގާ އޮންލައިން ބްލޮގެއްގައި ސޮނޭވާއިން ރާއްޖޭގައި ހިންގާ ޕްރައިވެޓް ވިލާއެއް ރާޖަޕަކްސަގެ އާއިލާއަށް ވިއްކުމަށް އެއްބެސްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކަމުގެ ހަގީގަތް އޮޅޭ ގޮތަށް، މިފަދަ ދޮގު ޚަބަރުތައް ބައެއް ފަރާތްތަކުން ފަތުރަމުންދާތީ، އެކަން ސޮނޭވާއިން ވަނީ ކުށްވެރިކޮށްފަ އެވެ.
ރާޖަޕަކްސަ ސޮނޭވާއިން ޕްރައިވެޓް ވިލާއެއް ގަންނަންއުޅޭކަމަށް ބުނެ ފަތުރާ ވާހަކަތައް ސޮނޭވާއިން ދޮގުކޮށްފައިވާއިރު، މިކަން ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ބައްޕާފުޅު ނުގެންގުޅުއްވާ ކަމަށެވެ. އަދި ރާއްޖެއަށް ބަދަލުވުމުގެ ވިސްނުމެއް ނުވަތަ ރާއްޖޭން ވިލާއެއް ގަތުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ވަނީ ރާޖަޕަކްސާ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ނަޝީދު ލަންކާ އަށް ވަޑައިގަތީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ ޒިންމާ، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އޭނާއާ ހަވާލުކުރެއްވުމުންނެވެ. އެ ޒިންމާ ހަވާލުކުރެއްވީ ނަޝީދާ އެކު ރަނިލް ބޭއްވި ބައްދަލުވުމެއްގައި އެކަމަށް އޭނާ އެދިވަޑައިގަތުމުންނެވެ.
ބޮޑުވަޒީރުކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވީ، ގައުމު ބަނގުރޫޓުވުމުން ރައްޔިތުންގެ ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންނެވެ.