އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މުހައްމަދު އިސްމާއިލްގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ މިރޭ 12:00 ހާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމުން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ވެސް މުހައްމަދު އިސްމާއިލް ހައްޔަރުކުރި އެވެ. ނަމަވެސް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާތީ ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އާސިފް ވިދާޅުވީ މިފަހަރު ވެސް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ގާނޫނީ އިންޒާރު ފުރިހަމައަށް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ވަނީ މިދިޔަ ބުދަ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
މުހައްމަދު އިސްމާއިލް ހައްޔަރު ކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާވައިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާތީ އެވެ. އަދި އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގައި ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒުވާނޭހެން ލިޔެގެން ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައިވާތީ ކަމަށެވެ.
މީގެ އިތުރުން، އެ ކަންކަމަކީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާނެ ކަންކަން ކަމުގައި އެ ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފާރުތަކުގައި އިންޑިއާ އައުޓް ލިޔާތީ އިއްޔެ ވެސް ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެ ފުލުހުން އިއްޔެ ހައްޔަރު ކުރީ އަބްދުލްޣައްފާރު އަބްދުލްޣަފޫރެވެ. އޭނާ ހައްޔަރު ކުރީ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލައި އޮއްވަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ.