އެމްޑީޕީ ހިންގާލަން މާދަމާ ވޯޓުލާން ނުކުމެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކެމްޕެއިން ނިންމާލައިފި އެވެ.
ކެމްޕެއިން ނިންމާލިކަން އިއުލާން ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދައި ފިތުނަ އާއި ނަފްރަތުން އެކަހެރިވާންޖެހޭ ކަމަށެވެ.
ރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހިންގާލުމަށް ޕާޓީގެ ހުރިހާ މެމްބަރުން މާދަމާ ވޯޓުލާން ނުކުމެވަޑައިގަތުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ޗެއާޕާސަންގެ ކެމްޕެއިނަށް ފައްޔާޒް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާފަ އެވެ. ކޮންމެ ރަށަކުން ވެސް ފައްޔާޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ފައްޔާޒަށް އޮތް ތާއީދު ބޮޑު ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން އެނގެން އޮތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ފައްޔާޒުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވައި ބަހުގެ ހަމަލާތައް އޭނާއަށް އަމާޒު ކުރައްވާފަ އެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން ބަހުސްގައި ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ ވެސް ވަނީ ފައްޔާޒްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފަ އެވެ. އެގޮތުން ފައްޔާޒްގެ ބޭބެ އިބްރާހީމް އިސްމާއީލްގެ މަންދު ކޮލެޖަށް ސަރުކާރުން ބަދަލުދިނީ އޭނާގެ ވަޒީރުކަމުގެ ނުފޫޒު ބޭނުންކޮށްގެން ކަމުގެ ތުހުމަތު ކުރެއްވި އެވެ. ޖަވާބުގައި ފައްޔާޒް ވިދާޅުވީ މަންދު ކޮލެޖަށް ސަރުކާރުން ބަދަލުދިނީ ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި އެފަދަ ބަދަލެއް ދޭން ހުކުމް ކޮށްފައި އޮތުމުން ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ދީފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ އަދަދަށްކަން އޭނާ ފާހަގަކުރައްވަ އެވެ.
ފައްޔާޒް ވިދާޅުވީ ބަދަލުދިނުމާ ގުޅޭ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ފައްޔާޒަށް މެސެޖް ކުރި ހަނދާނެއް ނެތް ކަމަށް އިންތި ވިދާޅުވުމުން އޭނާ ހެދި ދޮގު ސަންގު ޓީވީ ބަހުސްގައި ވަނީ ފަޅާ އަރައިފަ އެވެ.
"ސަންގު ޓީވީ" އިން އިންތިޒާމް ކޮށްގެން ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބުގެ ބަހުސްގައި ފުރަތަމަ ސުވާލު އަމާޒު ކުރީ އިންތިގެ އަނބިމީހާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އިންތި ކުރެއްވި ކަމަށް ބުނާ މެސެޖްތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުކުރުމުން އިންތި ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ. އަދި ގާތް މީހަކަށް ވަޒީފާ ހޯދަން މެސެޖް ކުރި ކަމަށް ބުނާއިރު، އެ ބުނާ މީހަކަށް ވަޒީފާ ލިބުނުތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުންޏެއްގެ ވެރިކަމަށް ވަޒީފާ ހޯދަން އިންތި މެސެޖް ނުކުރައްވާ ކަމަށް އިންތި ވިދާޅުވި ނަމަވެސް ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކަށް އިންތި ކުރި މެސެޖުތަކެއް މީގެ ކުރިން ވަނީ އާއްމުވެފަ އެވެ. އެ މެސެޖްތައް އިންތި ފޮނުވީ ގްރޭޓާ މާލެ ކުންފުނީގެ އޭރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނަށެވެ.
އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަން ލިބުނު ފުރުސަތުގައި އޭނާ އާއި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މަގާމަކަށް މީހަކު އައްޔަން ކުރައްވަން އިންތި ގުޅުއްވާ މެސެޖް ވެސް ކުރެއްވި ކަމަށެވެ.
އިންތި "ތިހާ ދޮގު ހައްދަވާކަށް ނުވާނެ" ކަމަށް ވިދާޅުވެ ފައްޔާޒް އިޝާރާތް ކުރެއްވީ އޭނާގެ ފޯނަށެވެ.
"އަޅުގަނޑުގެ ފޯނުގައި އެބަހުރި މެސެޖްތައް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒްގެ ވާހަކައަށް ޖަވާބުދާރީވަމުން އިންތި ވިދާޅުވީ "އަޅުގަނޑު މެސެޖް ކުރިންތޯ. އަޅުގަނޑު ހަނދާނެއް ނެތް." ކަމަށެވެ.