ތަމިލް ނާޑޫ (12 މެއި) - ސްރީލަންކާގެ މިހާރުގެ ހާލަތުގެ ސަބަބުން ގައުމު ދޫކޮށް ދާ މީހުން ގިނަވެ އިންޑިއާއަށް ހިޖުރަކުރާ އެ ގައުމުގެ ރެފިއުޖީން އިތުރުވެދާނެ ކަމަށް ބުނެ އިންޑިއާގެ ތަމިލް ނާޑޫއިން އެލާޓް ނެރެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެގައުމަށް ގަވާއިދާ ޚިލާފަށް އަންނަ ރެފިއުޖީން ހުއްޓުވުމަށްޓަކައި ތެމިލްނާޑޫގެ އައްސޭރިފަށުގެ ހިސާބުތަކަށް ހައި އެލާޓް ނެރެފައިވެ އެވެ.
އަންގާރަ ދުވަހު އިންޑިއާގެ ފުލުހުންގެ އިދާރާއިން ބުނީ އެގައުމުގެ ކަނޑުގެ ސަރަހައްދާއި އައްސޭރި ފަށުގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އިހުނަށްވުރެ ވަރުގަދަ ކުރެވިފައިވާނެ ކަމަށެވެ.
އިންޑިއާއިން މި އެލާޓް ނެރެފައި މިވަނީ ސްރީލަންކާގެ ދާޚިލީ މަޝްރަހު ގޯސްވެ ހަމަނުޖެހުންތައް އާއްމު ވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެއާއެކު ސްރީލަންކާގެ ރެފިއުޖީންނާ މެދު އަމަލުކުރާނެ ގޮތެއް ނިންމަން ތަމިލް ނާޑޫގެ ސްޓޭޓް ސަރުކާރުން އިންޑިއާގެ ސެންޓްރަލް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަބަރުތައް ލިބެ އެވެ.
މިދިޔަ މާޗް މަހުން ފެށިގެން ކުދި އުޅަނދުފަހަރުގައި ލަންކާގެ އާއިލާތައް ރާމޭޝްވަރަމް އައްސޭރިފަށަށް އަންނަން ފަށާފައިވާއިރު ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވާނެ ކަމަށް އިންޑިއާއިން ލަފާ ކުރެ އެވެ.
ސްރީލަންކާގެ މަޝްރަހު ގޯސްވެ ކާބޯތަކެއްޗާއި ތެޔޮ އަދި ގޭސް ފަދަ އާއްމު ހިދުމަތްތައް ލިބުމުގައި ދަތިތައް ހުރި އިރު އެގައުމުގެ ގިނަ ރައްޔިތުން ތަކެއް ތިބީ ގައުމު ދޫކޮށް ދިއުމުގެ ޚިޔާލެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.