ކޮލަމްބޯ (11 މެއި) - އިންޑިއާ ސިފައިން ސްރީލަންކާއަށް އަރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވުން އަންނަ ވާހަކަތައް ސްރީލަަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިން ސްރީލަންކާއަށް ފޮނުވަން އުޅޭ ކަމަށް ބުނާ ރިޕޯޓުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އިންޑިއާއިން އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އިންޑިއާއަކީ ސްރީލަންކާގެ މިނިވަންކަމާއި އިސްތިގްލާލާއި ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމެއް ކަމަށް ބުނަމުން ހައި ކޮމިޝަނުން އިތުރަށް ބުނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުން އެގައުމަށް ލިބޭނެ ކަމަށެވެ.
ސްރީލަންކާގެ މަޝްރަހާ ބެހޭ ގޮތުން ޓްވީޓް ކުރައްވަމުން އިންޑިއާގެ ބީޖޭޕީގެ މެމްބަރު ސުބްރަމާނިއަމް ސްވާމީ ވިދާޅުވީ ހޯމަ ދުވަހު ސަރުކާރުގެ އިސް ބޭފުޅުންގެ މުދަލަށް ގެއްލުން ދިން މީހުންނަށް އަދަބު ދިނުމުގައި އެއްވެސް ލުއެއް ދީގެން ނުވާނެ ކަމަށެވެ.
ރާޖަޕަކްސަގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސުބްރަމާނިއަމްގެ އެ ޓްވީޓަށް ސްރީލަންކާގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިއާއިން ވަނީ އެގައުމަށް އަސާސީ ހިދުމަތްތަކުގެ އެހީއެއް ދީފަ އެވެ. -- ނިއުސްވަޔާ