މިއަދު ފާހަގަ ކުރާ ފިތުރު އީދަށް ރާއްޖޭގައި ދެވޭ އެހެން ނަންނަން ވެސް ހުރެ އެވެ. ކުޑަ އީދާއި ފެންކުޅި އީދަކީ އޭގެ ތެރެއިން އެންމެ އާއްމު ނަން ނަމެވެ.

ފެންކުޅި އީދުގެ ތާރީހަށް ބަލާލާއިރު މިއީ އަހަރުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ފެށިގެން ކުރަމުން އައި ކަމެއްކަން ތާރީހީ ލިޔުންތަކުން ސާބިތުވެ އެވެ.

ކުރިއަށް ނަޒަރު ހިންގާލާއިރު ފެންކުޅި ކުޅުން ފެށެނީ އީދު ދުވަހުގެ ހެނދުނު އީދު ނަމާދުން ފައިބައިގެންނެވެ. މިކަމުގައި އޭރު އާއްމުވެފައި އޮތް ސަގާފަތަކީ އަންހެނުން ފިރިހެނުންގެ ގަޔަށް ފެން ޖެހުމާއި ފިރިހެނުން އަންހެނުންގެ ގަޔަށް ފެން ޖެހުމެވެ.

މިކަމުގައި ކުޑައެއް ބޮޑެއް، ވެރިއެއް ރައްޔިތެއް ވަކި ކުރުމެއް ނޯވެ އެވެ. އެހެނެއް ކަމަކު މި އުފަލުގައި ރަށުގެ ވެރިންނާއި ކަމުއޮށިގެންވާ ފަރާތްތަކުން ވެސް ބައިވެރިވިކަން އެނގެން އެބަ އޮތެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލާއެކު އެކަން ވެސް އޮތީ ބަދަލުވެފަ އެވެ. މިއަދު ކުޅޭ ފެންކުޅިއާއި އެހާރުގެ ފެންކުޅިއާ ވަރަށް ގިނަ ތަފާތުތައް ހުރެ އެވެ.

މިއަދު ފެންކުޅި ކުޅުމުގައި ފިތުރުއީދު ވަކި ހާއްސަ ނުވާއިރު އަޟްހާ އީދުގައި މިކަމުގެ ފޯރި ވަކިން އިތުރުވެ އެވެ.

ކުރިން ފެންޖަހައި އުޅުނީ ހަމެއެކަނި ފެން ނަމަވެސް މިއަދުގެ ފެންކުޅީގައި ފެނާއެކު ފުށާއި ކުލަ ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް ފާހަގަ ކުރެވޭ ތަފާތެކެވެ.

ނަމަވެސް މިކަންކަމުގެ ތެރެއިން ބަދަލުނުވެ އޮތް ކަމަކީ މިކަމުގެ ޖޯޝާއި ފޯރި އެވެ. އޭރުވެސް މިހާރުވެސް އީދާއެކު އެންމެ ކުރާ ހިތުން ކުރެވޭ ކަމަކީ ފެންކުޅި ކުޅުމެވެ.