ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން މިރޭ ނިންމައިފި އެވެ.

އެނގިފައިވާގޮތުގައި އެ ކޮމިޝަނުން މިހާރު ވަނީ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށެވެ.

އެ ބަޔާނުގައި ވަނީ ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިނ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް ފާހަގަވި ކަމަށެވެ.

އެ ދެ ފަނޑިޔާރުން ފްލެޓްތަކާ ހަވާލުވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފް ޢަމަލެއްކަން ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.