ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރެފިކް ސާވޭއެއް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސައުތުލެޖް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އެ ސާވޭ އަކީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ސާވޭ އެކެވެ. ސާވޭ ކުރުމަށް ނިންމާފައި ވަނީ ހދ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހިސާބަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ދެހާސް ހަތް ވަނަ އަހަރުން ފަށައިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯ ގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުން ކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްގްރޭޑް ކުރުމާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށް ޓަކައި ކުރެވޭ ސާވޭއެކެވެ.
އެމްއެންޑީއެފުން ބުނީ މި ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދު ކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒް ކުރުމަށާއި އިޤުތިޞާދު ފުޅާ ކުރުމަށް ޓަކައި ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާނޭ މަޢުލޫމާތުގެ އިތުރުން ކޯސްޓަލް ޒޯން މެނޭޖްމެންޓް ފަދަ މުހިއްމު މަސައްކަތްތަކަށް ބޭނުންވާނޭ މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ.
ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސާވޭގެ ތެރެއިން މިދިޔަ އަހަރުވެސް ހދ. އަތޮޅުން ފަށައިގެން ށ. އަތޮޅާއި ހަމައަށް ވަނީ ސާވޭ ކޮށްފައެވެ.
ހައިޑްރޮގްރެފިކް ސާވޭ ކުރުމަށް، އިންޑިއަން ނޭވީ ޝިޕްގައި ރާއްޖެއަށް ޒިޔާރަތްކުރި ސާވޭ ޓީމުގެ ފަރާތުން ވަނީ މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑް ކޮމާޑަރު ކާނަލް އިބްރާޙީމް ހިލްމީ އާއި ބައްދަލު ކުރައްވައި މި ސާވޭގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑުގެ އިސް ބައެއް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.