މިފްކޯގެ އަމަލިތަކާ ގުޅިގެން ހިތްހަމަނުޖެހުންފާޅުކޮށް މިއަދުވެސް މަސްވެރިން ކޫއްޑޫގައި މުޒާހަރާކޮށްފި އެވެ.
މިއަދު ކޫއްޑޫގައި ބޭއްވި މަޝްވަރާތަކަށްފަހު މިއަދު ކިޔޫގައި ތިބި ހުރިހާ މަސް ދޯނިތަކުން ބޭނި ހުރިހާ މަހެއް ގަތުމަށް މިފްކޯއިން ނިންމި އެވެ. ނަމަވެސް ހަވީރުގެ ވަގުތެއްގައި އެ ނިންމުން ބަދަލުކޮށް މަސް ކިރާ ރޭޓް ފަސްޓަނަށް ވަނީ ލިމިޓްކޮށްފަ އެވެ.
މިކަމާ ގުޅިގެން ކޫއްޑޫގައި މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާ ހޫނުވެ އެންމެފަހުން އެސްއޯ ފުލުހުން ވެސް ވަނީ މުޒާހަރާ ކޮންޓްރޯލްކުރަން ނުކުމެފަ އެވެ.
ބައެއް މަސްވެރިން ބުނީ މަސް ކިރާ ރޭޓަށް ބަދަލުގެންނަން މިއަދު މިފްކޯއިން ނިންމީ ބައެއް ދޯނިތަކުން މައްސަލަ ޖެއްސުމުން ކަމަށެވެ. އެކަމުގެ ސަބަބުން ކިރުވޭ ވަރު ބަލައިގެން ފަސް ޓަނުގެ މަސް ބާނައިގެން އައި ދޯނިތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.
ގއ. ގެމަނަފުއްޓާއި އެއަތޮޅު ވިލިނގިލީގެ މަސްވެރިންގެ މެދުގައި ވެސް މިއަދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މުޒާހަރާ އިތުރަށް ހަލަބޮލިވި އެވެ.
ފަހަކަށް އައިސް މަސްވެރިން ބާނާ މަސް ނުކިރުވި ކަނޑައަށް އަޅާލަން ވަނީ ޖެހިފަ އެވެ. މިކަމާ ގުޅިގެން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރަން އިތުރު ދެ ރަށެއް އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާ ކަމަށެވެ.