ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރަނީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހީމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ އަށެވެ.
އެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެ މީހުން ދޫކޮށްލީ އެ ދެ މީހުންގެ ގާނޫނީ ވަކީލުން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު އެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިނުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުން ހިމެނެ އެވެ.
ޝަހީބްގެ ވަކީލުން ވިދާޅުވީ އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރުންގެ އެންގުމަށް ކަރެކްޝަނަލް ސާވިސްއިން އަމަލުނުކުރާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ހަމައެހެންމެ ޝަހީބުގެ މައިބަދައިގެ މައްސަލަ ހުންނަ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ހުރިގޮތުން ބަންދުން ދޫކުރަން އުނދަގޫވާ ކަމަށް އަހްމަދު މޫސާގެ ވަކީލުން ފާހަގަކުރި އެވެ.
މީގެ ދެ މަސް ކުރިން އަހުމަދު މޫސާ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އިތުރު ޓެސްޓްތަކެއް ހަދަން ލަފާ ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެ ޓެސްޓުތައް ނެހެދިގެން އުޅެނީ ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ގާޒީ ވިދާޅުވީ އެ ދެ މީހުން ދޫކޮށްލަން ނިންމީ ބޭސްފަރުވާގެ ކަންކަން ކުރުމަށް ދައުލަތަށް މީގެކުރިން އެތައް ފަހަރަކު ފުރުސަތުދީގެން ވެސް އެކަން ހައްލުވެފައިނުވާތީ ކަމަށެވެ.