ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އައްޑޫގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެ އެވެ.
އެ މަނިކުފާނުގެ މިދަތުރުފުޅުގައި ފުވައްމުލަކު ރައްޔިތުންނަށް ދެއްވާ މާހެފުމެއް މިރޭ އެ ރަށު ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖައްސާފައިވެ އެވެ. މި ދަތުރުފުޅުގައި އެ ރަށުގައި އެއްވެސް އާ މަޝްރޫއެއް އިފްތިތާހުކުރުމެއް ނެތެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވައުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.