ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އެމްއާރްއެމްއަކީ 3،000 މެންބަރުން ހަމަނުވެގެން އުވާލަން މިހާރު ވެސް ނޯޓިސް ފޮނުވާފައި އޮތް ޕާޓީއެއް ކަމަށާއި މައުމޫންގެ ލަދެއް ހަޔާތެއް ހުރިއްޔާ މިވަރުގެ ބޮޑު ސިޔާސީ ޕާޓީއަކުން ކުރާ ކަމަކާ ނުބެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ރާވާފައިވާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް މައުމޫންގެ އެމްއާރްއެމް އިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން މާދަމާ ބާއްވަން ތައްޔާރުވަމުންދާ މުޒާހަރާ ހުއްޓުވާނެ ކަމަށް އިންޒާރުދީފައި ވަނިކޮށް މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އެމްއާރްއެމް އަކީ 3000 މެންބަރުން ހަމަނުވެގެން އުވާލަން މިހާރު ވެސް ނޯޓިސް ފޮނުވާފައި އޮތް ޕާޓީއެއް ކަމަށެވެ.
"އެމްއާރްއެމް ލަދެއް ހަޔާތެއް ހުރިއްޔާ މިވަރުގެ ސިޔާސީ ޕާޓީއަކުން ކުރާކަމަކާ ނުބެހޭނެ. އަޅުގަނޑު ހިތައް އަރާ ރައީސް މައުމޫންގެ ލަދުހަޔާތް ކޮބައި ބާއޭ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދު ދިވެހި ސަރުކާރަށް ވެސް ނޭނގޭނެ ކަމަށެވެ.
"ހޮޓާތަކުގެ ވޭޓަރުންނަށް އެބައުޅޭ އިންޑިއާ ސިފައިން. ރާނާ މީހުންނަށް އެބައުޅޭ އިންޑިއާ ސިފައިން. ރިސޯޓްތަކުގެ ކައްކާއިންނަށް އެބައުޅޭ އިންޑިއާ ސިފައިން. 4000 ވަރަކަށް އިންޑިއާ ސިފައިން ރާއްޖޭގައި އެބައުޅޭ. މާރިޔާ އަކަށް ވިދާޅުވާކަށް ނުކެރޭނެ މިއީ ދޮގެކޭ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ވެރިކަމުގައި އޮތް ކޯލިޝަންގެ ލީޑަރުން ރާއްޖެ އިން ބޭރުކުރަން ޖެހޭ ކަމަށެވެ. އަދި ޣައްދާރުންނަށް ދިވެހި ފަސްގަނޑުން ޖާގަ ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޣައްދާރުން ގައުމުން ބޭރުކުރަން އެބަޖެހޭ. ޣައްދާރުން މިގައުމުގައި ތިބެގެން މިކަމެއް ނުކުރެވޭނެ. ވަގުންގެ ކިބައިން ދިވެހި ދައުލަތުގެ ހަޒާނާ ހިމާޔަތް ކުރަން. ކޯލިޝަންގެ ލީޑަރުން ދިވެހިރާއްޖެއިން ބޭރުކުރަން އެބަޖެހޭ. ކޯލިޝަންގެ ލީޑަރުންނަކީ ދިވެހި ފަސްގަނޑުގައި ބައިތިއްބަން ހެޔޮވާވަރު ބައެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި ރައީސް ނަޝީދު އަދި ރައީސް ސޯލިހް އެވެ.
އަދުރޭ ވިދާޅުވީ މާދަމާ މުޒާހަރާ އަށް ނިކުންނަނީ ދިވެހި ފަސްގަނޑުގެ ހިމާޔަތުގައި ކަމަށެވެ. އަދި އެއީ ދިވެހިންގެ ވެރިކަން ދިވެހިންގެ އަތުގައި ބޭތިއްބުމަށް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާދަމާ އިންޑިއާ ސިފައިން އައިސް ގެއަށްވަދެ އަތުގައި ހިފައި ނެރުނީމައެއް ނޫން އަޅުގަނޑުމެންނަށް ވިސްނެން ވާނީކީ،" އަދުރޭ ވިދާޅުވި އެވެ.
ރާއްޖެއަށް މިނިވަންކަން ހޯދައި ދިނުމުގައި އިންޑިއާގެ ދައުރެއް އޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ އެކަން އަދުރޭ ދޮގު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަށް މިނިވަން ކަން ދިއުމަށް އެންމެ ބޮޑަށް ދެކޮޅު ހެދި ގައުމަކީ އިންޑިއާ ކަމަށެވެ.
"އަޅުގަނޑުމެން އދ.ގެ މެންބަރަކަށްވެ ޗައިނާ އާއި ލަންކާ އިން ވެސް ރާއްޖެ މިނިވަންކަން ބަލައިގަތް ފަހުން އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ބަލައިގަތީ،" އަދުރޭ ވިދާޅުވި އެވެ.
މާދަމާ ޕީޕީއެމް އިން ބާއްވާ އިންޑިއާ އައުޓް މުޒާހަރާ ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވީނަމަވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.