އިމްތިހާނުތައް ޕްރިންޓް ކުރާނެ ކަރުދާސް ހުސްވެ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ސްކޫލުތަކުގައި ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފި އެވެ.
އިގްތިސާދީ ފުން އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ ރިޒާވްގައި މިވަގުތު ކަރުދާސް އިމްޕޯޓު ކުރާނެ ބޭރު ފައިސާ ނެތުމުގެ ސަބަބުން އޮފީސްތަކާއި ސްކޫލުތަކަށް ބޭނުންވާ ކަރުދާސް ލިބުމުގައި ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެގައުމުގެ އެޑިއުކޭޝަން އިދާރާތަކުން ވަނީ އަންނަ ހަފްތާއަށް ތާވަލު ކުރެވިފައިވާ މި ޓާމުގެ އިމްތިހާނުތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައި ވާކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އަންގާފަ އެވެ.
"އިމްތިހާނު ކަރުދާސް ޕްރިންޓް ކުރާނެ ކަރުދާސް ނެތުމުގެ ސަބަބުން ސްކޫލުތަކުގެ އިމްތިހާނު ކުރިއަކަށް ނުގެންދެވޭނެ" ހުޅަނގު ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންއިން ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ސްރީލަންކާގެ އެކި ސްކޫލްތަކުގައި ކިޔަވަމުން އަންނަ 4.5 މިލިއަނަށްވުރެ ގިނަ ކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެ އެވެ.
1948 ވަނަ އަހަރު ސްރީލަންކާއަށް މިނިވަންކަން ލިބުނީއްސުރެ މިހާތަނަށް ކުރިމަތިވި އެންމެ ފުން އިގްތިސާދީ ވަޅުގަނޑުން އަރައިގަންނަން އެގައުމުން މަސައްކަތް ކުރާއިރު ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިލީފް އެހީ އަކަށް އެދޭނެ ކަމަށް ބުނެފަ އެވެ.
އިގްތިސާދީ ދަތިތަކުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވެދާނެތީ އެގައުމުގެ ރައްޔިތުން ވަނީ ކާބޯތަކެތި ގަނޑުކޮށް ގަތުމަށް ފިހާރަތަކުގައި ދިގު ކިއުއެއް ހަދާފަ އެވެ. – އަރަބް ނިއުސް