ކުރީ ސަރުކާރުން ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ރޯދަ މަހު ނަމާދުކުރަން ހުޅުވާލަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިސްކިތް ހުޅުވުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރޯދަ މަހު ސަލްމާން މިސްކިތުގެ ނަމާދު ކުރާ ބައި ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިސްކިތުގެ އެހެންތަންތަން އަދި ބޭނުން ނުކުރެވޭނެ ކަމަަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އެ މިސްކިތް ހުޅުވާލުމުގެ މިހާރު ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ. ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާއެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ.
މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުނެފައިވެ އެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.
މިއީ އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ 370 މިލިއަނެއްހާ ރުފިޔާ ހޭދަވެފައިވާ ޖުމްލަ ހަތަރު ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި (ލައިބްރަރީ) ނުވަތަ ކުތުބުހާނާއަކާއި ކިލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41،500 އަކަފޫޓުގެ ބޮޑު އިމާރާތެކެވެ.
މި މިސްކިތަކީ މާލޭގެ މަލަމައްޗައް އިސްލާމީ ގައުމެއްގެ ވެރިރަށެއްގެ ސިފަ ގެނެސްދޭ އަދި އެތައް ދިވެހިންތަކެއް އިންތިޒާރާ ގުޅިފައިވާ މިސްކިތެކެވެ.