ޔުކްރޭން ގެ މައްސަލައިގައި މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު ހަނގުރާމައެއް ފެށި ދާނެކަމަށް ގިނަ ބަޔަކު ދެކެ އެވެ. ހަމަ އެފަދައިން އެފަދަ ހަނގުރާމައެއް ވެގެން ދާނީ ބޮޑު ހަނގުރާމައަކަށް ކަމަށް ވެސް ދުނިޔޭގެ ލީޑަރުން ގަބޫލުކުރެ އެވެ.
ހަނގުރާމައެއް ފެށިއްޖެ ނަމަ އެ ހަނގުރާމަ ކުރެވޭނީ ހަމަ އެކަނި ޔުކްރޭނާއި ރަޝިޔާއާ ދެމެދަކު ނޫނެވެ. އެ ހަނގުރާމައިގައި ރަޝިޔާއާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގު ޔޫރަޕްގެ ބާރުގަދަ ގައުމުތައް ނުކުންނާ އެވެ. އެހެންކަމުން ޔުކުރޭން އާ ދެކޮޅަށް ރަޝިޔާ ހަނގުރާމައެއް ފަށައިފި ނަމަ އެ ހަނގުރާމަ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވުމުގެ ފުރުސަތު ހުރިހާ ގޮތަކުން ވެސް އެބައޮތެވެ.
ޔުކްރޭނުގައި ޖެހިގެން އުޅެނީ ކޮން މައްސަލައެއް؟
ޔުކްރޭނަކީ ކުރީގެ ޔޫއެސްއާރުގެ ޖުމުހޫރިއްޔާތަކުގެ ތެރެއިން ޖުމުހޫރިއްޔާ އެކެވެ. 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅުމާ އެކު ޔުކުރެއިނަށް މިނިވަން ކަން ލިބުނެވެ. މިނިވަންކަން ލިބުމާއެކު ގައުމުގެ އިގުތިސާދު ކެޕިޓަލިސްޓު ނިޒާމަކަށް ބަދަލުކޮށް، ހުޅަނގު ޔޫރަޕާ ގާތް ގުޅުމެއް އުފެއްދުމުގެ މަސައްކަތް ޔުކުރޭނުން ކުރަމުން ގެންދިޔަ އެވެ. 2013 ވަނަ އަހަރު ޔުކްރޭންގެ ސަރުކާރުން އެ ގައުމު، އީޔޫގެ މެމްބަރަކަށް ވުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލުމުން ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ.
ހުޅަނގަށް ލޯބިކުރާ އެތައް ބަޔަކު މަގު މައްޗަށް ނިކުމެ އިހުތިޖާޖު ކުރި އެވެ. ނަތީޖާ އެއްގެ ގޮތުން ގައުމުގެ ޕާލަމެންޓުން އޭރުގެ ރައީސް ވެރިކަމުން ވަކި ކުރި އެވެ. އެ ހިސާބުން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ރަޝިޔާއިން ޔުކްރޭނުގެ ބައެއް ކަމުގައިވާ ކްރައިމިއާ ހިފި އެވެ. އެއަށް ފަހު ކްރައިމިއާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކްރައިމިއާ ރަޝިޔާގެ ބައެއް ކަމަށް ހެދި އެވެ.
ކްރައިމިއާ ޔުކުރޭނުގެ ދައުލަތުންވަކިވެ ރަޝިޔާގެ ބައެއްގެ ގޮތުގައި ވެ ނިމުމަށް ފަހު ޔުކްރޭނުން އަންނަނީ ހުޅަނގު ޔޫރަޕާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އީޔޫގެ މެމްބަރަކަށް ވުމަށްޓަކައި ގަނޫނުތަކަށް ބަދަލު ގެނެސް އީޔޫ އާއި ނޭޓޯގެ މެމްބަރަކަށް ވުމަށް ޔުކްރެއިނުން ވަނީ ހުރިހާ ކަމެއް ވެސް ފުރިހަމަ ކޮށްފަ އެވެ.
ޔުކްރޭނުގެ މި އަމަލަކީ އަޅާ ނުލާ ތިބެވޭ ފަދަ ކަމަކަށް ރަޝިޔާއަކަށް ގަބޫލެއް ނުކުރެވުނުވެ.
ރަޝިޔާއިން ހެދީ ކިހިނެއް؟
ޔުކްރޭން، އީޔޫ އާއި ނޭޓޯގެ މެންބަޝިޕް ހޯދުމުގެ ފަހު މަރުހަލާ ފެށުމާއެކު ރަޝިޔާ އިން އެ ގައުމުގެ ޔުކްރޭނާ ގުޅޭ ބޯޑަރު ކައިރިޔަށް ލައްކައަކަށް ވުރެ ގިނަ ސިފައިން ފުރިހަމަ ހަތިޔާރާއެކު ޖަމާކުރި އެވެ. ބޮޑު ހަނގުރާމައަކަށް ބޭނުން ވާނެ ހުރިހާ ބަރު ހަތިޔާރުތަކާ އެކު ޔުކްރޭންގެ ބޯޑަރު ކައިރީގައި ރަޝިޔާއިން މިލިޓަރީ ތަމްރީނުތަކެއް ފެށުމުން ޔުކްރޭނާ އީޔޫ އާއެކު އެމެރިކާ ހަމައިން ނެއްޓުނެވެ.
ހުޅަނގުން އަމަލުކުރީ ކިހިނެއް؟
އީޔޫ އާއި އެމެރިކާއިން ރަޝިޔާގެ އަމަލަށް ވަގުތުން ނުރުހުން ފާޅުކުރި އެވެ.
ހުޅަނގުން ސިފަ ކުރާ ގޮތުގައި ރަޝިޔާގެ ބޭނުމަކީ ޔުކްރޭން ހިފުމެވެ. ރަޝިޔާއިން އެފަދަ އަމަލެއް ހިންގައިފިނަމަ ޔުކްރޭން އެކަނި ދޫކޮށް ނުލައި އެ ގައުމަށް ހުރިހާ ގޮތަކުން ވެސް އެހީވާނެ ކަމުގައި ވެސް ބުންޏެވެ. ހަމަ އެއާއެކު ހަނގުރާމައެއް ފެށިއްޖެނަމަ ރަޝިޔާއަށް ހީވެސް ނުކުރާވަރުގެ ދަތިކުރުމުގެ ފިޔަވަޅުތަށް އަޅާނެ ކަމުގައި ވެސް އެމެރިކާ އާއި އީޔޫ އިން އަންނަނީ ބުނަމުންނެވެ.
ހުޅަނގުން އަޑުފަތުރާ ގޮތުގައި ރަޝިޔާ އިން ކޮންމެ ވަގުތެއްގައި ވެސް ޔުކްރޭން ހިފައިފާނެ އެވެ. އެހެން ކަމުން ޔުކްރޭންގައި ހުރި އެމެރިކާ އާއި އިނގިރޭސި އެމްބަސީތައް ވެސް ވެރި ރަށުން ބާލައި ދުރު ހިސާބަކަށް ވަނީ ބަދަލުކޮށްފަ އެވެ. ހަމަ އެއާއެކު ޔުކްރޭނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަވަހަށް ފޭބުމަށް ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ އަންގަމުންނެވެ.
ރަޝިޔާގެ ޑިމާންޑް
ރަޝިޔާއިން ޔުކްރޭން ހިފާފާނެކަމުގެ ބިރު ހީވުމާއެކު މައްސަލައަށް ހައްލެއް ފެނޭތޯ އީޔޫއާއި އެމެރިކާއިން މަސައްކަތް ފެށި އެވެ. އެގޮތުން ރަޝިޔާ އާއެކު ވާހަކަ ދައްކައިގެން ކޮޅެއްގައި ޖެހޭތޯ ކުރި މަސައްކަތްތަކަށް މިހާ ތަނަށް އެދެވޭ ހައްލެއް އައިސް ފައެއް ނުވެ އެވެ.
އެމެރިކާ އާއި އީޔޫގެ ކިބައިން ރަޝިޔާ ބޭނުން ވަނީ ޔުކްރޭން ނޭޓޯގެ މެމްބަރަކަށް ނުވާނެ ކަމުގެ ގެރެންޓީ ދިނުމެވެ. ރަޝިޔާއިން ބުނާ ގޮތުގައި ޔުކްރޭން ނޭޓޯގެ މެމްބަރަކަށްވެ އެ ގައުމަށް އެމެރިކާގެ މިސައިލްތައް ގެނެސް ރަޝިޔާގެ ބޯޑަރު ކައިރީ އަތުރާތަން ބަލަން އެ ގައުމުން ނޯންނާނެ އެވެ.
ރަޝިޔާއިން ސިފަކުރާ ގޮތުގައި އެއީ ރަޝިޔާއަށް ރަތް ރޮނގެކެވެ. އެ ރޮނގު ހުރަސްކުރުމަށް އެއްވެސް ގައުމަކަށް އެ ގައުމުން މަގުފަހި ކޮށެއް ނުދޭނެ އެވެ.
ރަޝިޔާގެ މި ޑިމާންޑަށް އެމެރިކާއިން ބުނަނީ ޔުކްރޭނަކީ މިނިވަން ގައުމެއްކަމަށެވެ. އެ ގައުމުން ބައިވެރިވާނެ ޖަމާއަތްތައް ކަނޑައެޅުމުގެ ހައްގު އެ ގައުމަށް ލިބެން ޖެހޭނެ ކަމަށެވެ. ރަޝިޔާގެ ޑިމާންޑަށް ނޫނެކޭ އެމެރިކާއިން ބުނި ކަމަށް ވިޔަސް ޔުކްރޭން ކައިރި މުސްތަގުބަލެއްގައި ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ޔަގީންކަން އެމެރިކާއިން ދިނެވެ. ނަމަވެސް އެއީ ރަޝިޔާއިން އެއްބަސްވާން ބޭނުން މިންވަރެއްގެ ގެރެންޓީއެއް ކަމަށް ނުވެ އެވެ.
މައްސަލައިގެ ފަސްމަންޒަރު
ޔުކްރޭންގެ ބޯޑަރުގައި ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމައިގެ ފަރިތަކުރުންތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ހުޅަނގުން އަންދާޒާކުރާ ގޮތުގައި ރަޝިޔާއިން ކޮންމެ ފަދަ ވަގުތެއްގައި ވެސް ޔުކުރެއިނަށް އަރައިގެންފާނެ އެވެ. އެފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ޔުކުރޭނުގެ ދިފާއުގައި ހަނގުރާމަކުރާނެ ކަމުގެ ވައުދު ޔޫރަޕާއި އެމެރިކާއިން އަންނަނީ ވަމުންނެވެ.
މިފަދަ ހާލަތަކަށް މައްސަލަ ގޮސްފިނަމަ ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމައަށް ޔުކުރޭންގެ ހަނގުރާމަ ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާ އާއި ޔޫރަޕުން ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ކަމަށް ވިޔަސް ރަޝިޔާއާއެކު ހަނގުރާމައެއް ފަށާކަށް އެއިން އެއްވެސް ގައުމަކުން ބޭނުމެއް ނުވެ އެވެ.
މީޑިއާގެ ކުރިމަތީގައި އެމެރިކާއާ ޔޫރަޕުން، ރަޝިޔާއަށް އިންޒާރުދިންކަމަށް ވިޔަސް ފަރުދާގެ ފުރަގަހުގައި ސުލްހަވެރި ހައްލެއް ލިބޭތޯ ރަޝިޔާ އާއެކު ކުރާ މަޝްވަރާތައް މެދުނުކަނޑައި ކުރިޔަށް ގެންދަނީ އެފަދަ ހާލަތަކަށް ދާން ބޭނުން ނުވާތީ އެވެ.
حسبنالله ونغملوكيل