ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކަން ނިންމި 26 ގޯއްޗަށް އެންމެ މަތިން އަގު ހުށަހެޅި ފަރާތްތަކަށް ދޫކުރަން ނިންމައިފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ވިއްކަން ހުޅުވާލި 26 ގޯއްޗަށް 211 ފަރާތަކުން ކުރިމަތިލި އެވެ.
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލީ، 1،603.07 އަކަފޫޓާއި، 2،633.82 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. މީގެ ތެރޭގައި ހިމެނެނީ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.
ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ މީގެ ތެރެއިން މޫދާއި ކައިިރިން އަތިރިމަތިން ވިއްކާ 26 ގޯއްޗެވެ. 211 މީހަކު 26 ގޯއްޗަށް ބީލަން ހުށަހެޅިއިރު، ގޯތިތައް ވިއްކާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވި ފަރާތްތަކުން ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކާފައިވެއެވެ.
އަތިރިމައްޗާ ކައިރި އެހެން ސަރަޙައްދުތަކުން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯތީގެ ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
އެޗްޑީސީން ބުނީ ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި އިސްކަން ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމަށެވެ. މީގެ އިތުރުން ބިން ގަންނަ ފަރާތްތަކަކީ މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހަކަށް ވާންޖެހެ އެވެ. އަދި ކޮންމެ މީހަކަށް ވެސް ގަނޭވޭނީ އެންމެ ބިމެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން ދިވެހި ރައްޔިތަކަށް ވުމާއި، 18 އަހަރު ފުރިފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. ދެވަނަ ފިޔަވަހި ހާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކަށެވެ. މީގެ އިތުރުން އިގްތިސާދީ ހަބުތައް ވެސް ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.
ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ދޫކުރި ގޯތިތަކުގައި މީހުން ދިރިއުޅެން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެއީ އަމިއްލަ މީހުން ބިން ގަނެ، ތަރައްގީކޮށްފައިވާ ގެތަކުގަ އެވެ.
ޔާންޓޭ ތނެއް ހިއްކި ކަމުން ވިއްކަން އެަބައޮތެއް ނޫން