އެންޓިބަޔޮޓިކް ބޭސްތަކަކީ ގިނަ އިންފެކްޝަންތަކަށް ފަރުވާދޭ ބޭހެކެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ވަކި އިމެއް އޮންނާނެ އެވެ. އެ އިމުން ބޭރުވެއްޖެނަމަ ގިނަ ފަަހަރު ބޮޑަތި މައްސަލަތަކާ ކުރިމަތިވެ އެވެ.
ބަލިވުމުން ކޮންމެ ފަހަރަކު ޑޮކްޓަރަށް ނުދައްކާ ބޭސް ނަގައިގެން ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެއް ބައްޔަކަށް އެކަކު ކާ ބޭހަކީ އަނެކަކަށް އެންމެ އެކަށީގެންވާ ބޭހަށް ނުވެދާނެ އެވެ.
އެހެން ކަމުން ހަށިގަނޑާއި ނުގުޅޭ ބޭސްތައް ބޭނުންކޮށް ފުރާނަ ނުރައްކަލެއްގެ ތެރެއަށް ހުށައެޅުމުގެ ބަދަލުގައި ޑޮކްޓަރުގެ ލަފައާއެކު ބޭސް ބޭނުންކުރުމަށް އާދަކުރަން ޖެހެ އެވެ.
މިގޮތަށް ޑަކްޓަރަށް ނުދައްކާ އާއްމުކޮށް ކާބޭހަކީ އެންޓި ބައޮޓިކް އެވެ. މާގިނައިން އެންޓިބައޮޓިކް ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫނެވެ. މާގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުން ހަށިގަނޑުގައި އާއްމުކޮށް ހުންނަ ރަނގަޅު ޖަރާސީމުތައް މަރުވެ އެވެ. އެއާއެކު އެހެން ބޭސްތަކުގެ އަސަރު ކުޑަކޮށް، އެލާޖިކްވުން ފަދަ ނުރަނގަޅު އަސަރުތައް ހަށިގަނޑުގައި އިތުރުވުމުގެ އަސްލަކަށް އެންޓިބަޔޮޓިކްސް ވާކަމަށް މާހިރުން ބުނެ އެވެ.
ޑޮކްޓާރަށް ނުދައްކާ އެންޓިބަޔޮޓިކްސް ބޭނުން ކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެންޓިބަޔޮޓިކް މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް އެންމެ ރައްކާތެރި ގޮތް ނޫންކަމުން އެންޓިބަޔޮޓިކްސް ބޭނުން ކުރާއިރު ޑޮކްޓަރުންގެ ލަފާ ހޯދުން މުހިއްމެވެ.