ޕާކިސްތާނުގެ ޖަލެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ގައިދީއަކު އެގައުމުގެ ގައުމީ ފެންވަރުގެ އިމްތިހާނެއްގައި ބައިވެރިވެ ރަންވަނައާއެކު ސްކޮލާޝިޕެއް ހޯދައިފި އެވެ.
އުމުރުން 35 އަހަރުގެ ސައީދު ނައީމް ޝާހް ވަނީ ޕްރައިވެޓް ކެނޑިޑޭޓެއްގެ ގޮތުގައި ކަރާޗީގެ ޖެނެރަލް ހައި ސްކޫލް އިމްތިހާނުގައި ބައިވެރިވެ އެންމެ މަތީ ނަތީޖާ ހޯދާފަ އެވެ.
މި ކާމިޔާބާއެކު އޭނާއަށް ވަނީ ކަރާޗީގެ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސްއިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕެއް ލިބިފަ އެވެ.
"ޖަލުގައި ހުރެގެން އަހަރެން މި ހޯދި ކާމިޔާބީއަކީ ވަރުގަދަ އަޒުމަކާ ނުލާ ވާނެ ކަމެއް ނޫން" ރޮއިޓާސްއަށް ދިން އިންޓަވިއު އެއްގައި ޝާހް ބުންޏެވެ.
އޭނާ ހުކުމް ތަންފީޒު ކުރަމުން އަންނަ ކަރާޗީގެ ސެންޓްރަލް ޖަލަކީ ގިނަ ގައިދީންތަކެއް ހުކުމް ތަންފީޒު ކުރަމުން އަންނަ ތޮއް ޖެހިފައިވާ ޖަލެކެވެ. މިއީ 2400 ގައިދީންގެ ޖާގައިގެ ޖަލެއް ނަމަވެސް މިވަގުތު އެޖަލުގައި 6000 އަށްވުރެ ގިނަ ގައިދީން އެބަ ތިއްބެވެ.
ޝާހް ބުނީ ސްކޫލަށް ގޮސް ކިޔެވުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވާ ކަމެއް ކަމަށާއި ނަމަވެސް އާއިލާގެ ހާލަތު ހުރި ގޮތުން އެ ފުރުސަތު އޭނާއަށް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ.
ސެންޓްރަލް ޖަލުގެ ޑެޕިއުޓީ ސުޕްރިޑަންޓެންޓް ސައީދް ސޫމްރޫ ވިދާޅުވީ އެ ޖަލުގައި މިވަގުތު 1200 އެއްހާ ގައިދީން ކިޔަވަމުން ދިޔަ ނަމަވެސް ޝާހްގެ ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
2018 ވަނަ އަހަރު ޝާހްއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ 2010ގައި ޒާތީ ދެބަސްވުމެއްގެ ތެރެއިން މީހަކު މަރާލުމުގެ ކުށް އޭނާގެ މައްޗްށް ސާބިތުވެގެންނެވެ. ނަމަވެސް ޝާހްގެ ރަނގަޅު އަޚްލާގާއި އިޖުތިމާއީ ޚިދުމަތްތަކަށް ބަލައި އޭނާގެ ހުކުމް ވަނީ ހަ އަހަރު ދުވަހަށް މަދު ކުރެވިފަ އެވެ.
ޝާހް ބުނީ ޖަލުގައި ހުރެގެން މަތީ ތައުލީމަށް ކިޔެވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ކަމުން އޭނާގެ މައްސަލަ އެގައުމުގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމަށެވެ.
"ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު އަދި ސަރުކާރުގެ އިސްވެރިންގެ ކިބައިން އަހަރެން އެދެނީ މިކަމުގައި އަހަންނަށް ލުޔެއް ދިނުމަށް" ޝާހް ބުންޏެވެ.