ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޕްރޮސެކިއުޓަރުން އައްޔަން ކުރާނެ އުސޫލެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގާއިމް ކޮށްފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާ ގުޅިގެން ތަހުގީގު މަރުހަލާގައި މަސައްކަތް ކުރާނެ އުސޫލެއް އެ އޮފީހުން މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލު" ގެ ނަމުގައި އެ އުސޫލު ގާއިމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ އުސޫލުގެ ދަށުން ފުލުހުންގެ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރިއަލް ޓައިމްކޮށް، މައުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި މީހަކު ހައްޔަރުކުރުމާއެކު އެމައުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު މިއޮފީހަށް އެމައުލޫމާތު ލިބި އެކަމުގެ ނޯޓިފިކޭޝަން ލިބޭނެ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އޮފީހުން ބުނީ އެފަދަ މައްސަލަތަކުގައި ދެ މުއައްސަސާ ގުޅިގެން އަމަލު ކުރާނެ ގޮތުގެ އިޖުރާއަތުތައް ވެސް އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު މި އޮފީހާ ހިއްސާކުރާޓާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެ އެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ އުސޫލާ އެކު މައްސަލައިގެ ތަހުގީގު ޓީމާއި ޕްރޮސިކިއުޓަރުނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަހުގީގުކޮށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއްގޮތަކަށް ކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.