ރައީސާއި ނައިބު ރައީސް މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައީސާއި ނައިބު ރައީސާއި ވަޒީރުން އަދި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުން ހަ މަހަށް ކުޑަކުރީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި ވަނިކޮށް ގާނޫނު އިސްލާހު ކުރުމެއް ނެތި މުސާރައަށް ބަދަލު ގެނައުމާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މަގާމުގެ ދައުރުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ގާނޫނުތަކުގައި ބުނެފައި ވަނިކޮށް މަޖިލީހުން އެގޮތަށް ނިންމާފައިވާތީ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަލީމް ހުށަހެޅުއްވި މައްސަލައަކީ ކޯޓުތަކާބެހޭ ގާނޫނު އޮތްގޮތުން އެ ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެ ގާނޫނު އޮތްގޮތުން އެ ކޯޓަށް ބެލޭނީ އާންމު މަސްލަހަތާ ގުޅުންހުރި ނުވަތަ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށާއި އަދި ހަލީމް ހުށަހެޅުއްވީ ވަކިވަކި ފަރުދުންތަކެއްގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދާއި މަހާޒް އަލީ ޒާހިރާއި ޑރ. މުހައްމަދު އިބްރާހިމެވެ.