ކޮމަންޑޫ ދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އިން ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުސީދާކޮށް މިރޭ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ފާއިތުވެދިޔަ ކައިރި މާޒީގައި ހިނގައިދިޔަ ކަންތައްތަކުގެ މަތީން ހަދާން ނެތޭނެ ބައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ބަޣާވާތާއި، ޑްރަގާ ދެކޮޅަށް ވޯޓު ދޭންވީ ފަހަރު ކަމަށެވެ. ރައީސް އެ އިޝާރާތްކުރެއްވި ބަޣާވާތަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ކަންތައްތަކެވެ. އަދި އެކަމުގެ އެންމެ ކުރީގައި ތިއްބެވި ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒު ކަމުގައި އެމްޑީޕީން އަބަދުވެސް ވާހަކަ ދައްކަ އެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު ޖަލްސާގެ އެމްސީ އަންވަރު އިބްރާހިމް އެ ވާހަކަފުޅަށް ބާރުދެއްވަމުން ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އިންތިހާބެއްގައި ވޯޓުދިނުމަކީ ހެދޭނެ ގޯހެއް ކަމަށެވެ.
"މިވަރުގެ ބަޔަކު އިންތިހާބުގެ ކެމްޕެއިން މެދަކާއި ހަމައިން ކެނޑިޑޭޓް ހޮވިއްޖެ ކަމަށް ވެސް ކަނޑައެޅުމަކީ އެކަށީގެންވާ ކަމެއް،" އަންވަރު ބުންޏެވެ.
ފެބްރުއަރީ 7 އެއީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ހިންގި ބަޣާވާތެއް ކަމަށް އެމްޑީޕީން އަބަދުވެސް ގޮވަމުންދާއިރު ވެރިކަން ނިމުމަކަަށް ގެނައުމަށްޓަކައި އިސްކޮށް ތިއްބެވި ގިނަ ލީޑަރުންނާއި ރައީސް ސާލިހުގެ ސަރުކާރުންވަނީ އިއްތިހާދުވެފަ އެވެ. އޭގެ ތެރެއިން އިމްރާން އަބްދުﷲ އަކީ އެކަމުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެމަނިކުފާނަކީ މިސަރުކާރުގެ އެންމެ ބާރުގަދަ އެއް ވުޒާރާ ކަމަށްވާ ހޯމް މިނިސްޓްރީގެ ވަޒީރެވެ.