އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ޓީޖެޓީއާ ހަވާލުވާން އެ ސަރަހައްދަށް ދިޔަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނާގޮތުގައި ޓީޖެޓީ މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލަށް 90 ދުވަހުގެ ނޯޓިސްއެއް ދީފައިވެ އެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހަށް އެ މުއްދަތު ހަމަވުމުން އޭގެ ފަހުން އިތުރަށް ވެސް ހަތް ދުވަސް ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލަށް ޖަވާބު ދީފަ އެވެ.
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރީ ކުރީގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.