އިންޑިޔާ އައުޓް ނުގޮވޭން ކަމަށާއި އެ ހަރަކާތް ހުއްޓުވަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި މާލެ ސިޓީ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ފުލުހުންނަށާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި، އެމްޑީޕީ ޕީޖީ ލީޑަރު، މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިދިކޮޅު ކޯލިޝަނުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިނު ހުއްޓުވަން ކަންކަން ރޭވުމަށް ހުށައަޅާފަ އެވެ. އެ ހުށައެޅުއްވުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަން ޖެހިއްޖެނަމަ އުދަނގޫ ވާނެ ކަމަށެވެ.

އެހެންކަމުން އެ ލަދުން ޕީޕީއެމްގެ މެންބަރުން ސަލާމަތް ކުރުމަށްޓަކައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން ނިކުމެ އެ ހަރަކާތް ހުއްޓުވަން އެދިވަޑައިގެންފަ އެވެ.

"އިނގިރޭސި ބޮޑުވަޒީރަށް ފްރާންސް އައުޓް ޖަހައިގެން ލަންޑަން މެދުގައި ވެސް ނުހިނގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އިންޑިއާ އައުޓް ނުގޮވޭނެ، ނުގޮވޭނެ، މިއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ހިލާފުކަމެއް، [އިންޑިއާ އައުޓް] ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޮވަމުންނެއް ނުހިނގޭނެ،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ފޭބުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި އިންޑިއާ ސިފައިން ފައިބަންދެން އެ ވާހަކަ ދައްކަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.