އިސްލާމްއާބާދު (04 ޑިސެމްބަރު) - ޕާކިސްތާނުގައި އިސްލާމް ދީނަށް ފުރައްސާރަކުރި ސްރީލަންކާގެ ރައްޔިތެއް ގައިގައި ރޯކޮށްލާ މަރާލައިފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ ކާރުޚާނާއެއްގެ މެނޭޖަރުކަން ކުރަމުން އައި އެ މީހާ ގަން ހިންގައި ރަޖަމުކުރުމަށްފަހު އެމީހާގެ ގައިގައި ރޯކޮށްލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ވެރިރަށް އިސްލާމްއާބާދުގެ ހުޅަނގު އުތުރުން އޮންނަ ސައަލްކޮޓްގަ އެވެ.
ޕަންޖާބުގެ ޕްރޮވިންޝަލް ޗީފް މިނިސްޓަރު އުސްމާން ބުސްދާރު ކުރެއްވި ޓުވީޓެއްގައި ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދީނަށް ފުރައްސާރަކުރުމުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރި އެންމެންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކެއްގައި ފެންނަގޮތުން އާއްމުންގެ ބަޔަކު ވެގެން އެ މީހާގެ ގައިގައި ތަޅާ އަނިޔާކުރެ އެވެ. އަދި އެއަށްފަހު އެ މީހާގެ ގައިގައި ރޯކޮށްލާ އެ ސަރަހައްދު ފެންނަ ގޮތަށް ސެލްފީއާއި ފޮޓޯ ނަގަ އެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނީ މި އަމަލު ވަރަށް ސީރިއަސް ކުށެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން 50 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާ ކަމަށް ޕަންޖާބު ސަރުކާރުގެ ތަރުޖަމާނު ހައްސާން ޚަވަރު ވިދާޅުވި އެވެ.
"އިސްލާމް ދީން އުނގަންނައިދެނީ ސުލްހައާއި އަމާންކަން. މި އަމަލުގެ ސަބަބުން ޕާކިސްތާނުގެ އިތުރުން އިސްލާމްދީން ވެސް ބަދުނާމު ވެއްޖެ،" ހައްސާން ވިދާޅުވި އެވެ.
ޕާކިސްތާނުގައި ދީނަށް ފުރައްސާރަ ކޮށްފިނަމަ މިފަދަ އަނިޔާވެރި ހާދިސާތައް ހިނގުމަކީ އާއްމުކަމެކެވެ. މިދިޔަ އާދީއްތަ ދުވަހު ގުރުއާން އަންދާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ރަޖަމު ކުރަން ގޮވާލާ ހަޅުތާލު ކޮށްފައިވާއިރު 2017 ވަނަ އަހަރު ދީނާ ޚިލާފު މަންޒަރާއި ލިޔުން އޮންލައިންނޮށް އާއްމުކުރި ކަމުގެ ތުހުމަތުގައި ކޮލެޖް ދަރިވަރަކު ވަނީ މަރާލާފަ އެވެ.