އަންކާރާ (02 ޑިސެމްބަރު) - ތުރުކީ ވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު އަނދަވަޅާއެކު އެ ގައުމުގެ ފައިނޭންސް މިނިސްޓަރު މަގާމުން ދުރުކޮށް އާ މިނިސްޓަރަކު އައްޔަން ކޮށްފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ނެރުނު ރިޔާސީ ބަޔާނެއްގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ މިހާރުގެ ފައިނޭންސް މިނިސްޓަރު ލުތުފީ އިލްވާންގެ އިސްތިއުފާ ގަބޫލު ކުރައްވައި ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނޫރުއްދީން ނަބާތީ އެ މަގާމަށް އިސް ކުރައްވާފަ އެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިލްވާން ފައިނޭންސް މިނިސްޓަރުކަމާ ހަވާލު ވެގެން މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތުރުކީއަށް ވަނީ އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ.

އެގޮތުން ތުރުކީ ލީރާގެ އަގު ރެކޯޑު އަދަދަކަށް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު އެކަނި ވެސް އެމެރިކާ ޑޮލަރާއި އަޅާކިޔާއިރު އެ ގައުމުގެ ފައިސާގެ އަގު 30 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މީގެ އިތުރުން އެގައުމުގެ އިންފްލޭޝަން ރޭޓް 20 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު އެއީ މިއަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަށްވުރެ ހަތަރު ގުނަ އިތުރު ރޭޓެކެވެ.

އުރުދުޣާން ވިދާޅުވީ އިންފްލޭޝަން ރޭޓް މިހާ މައްޗަށް ދާން މެދުވެރިވީ އިންޓަރެސްޓް ރޭޓް މަތިވުމުން ކަމަށެވެ. ނަމަވެސް މި ހިޔާލަކީ އިގްތިސާދީ މާހިރުން އެއްބަސްވާ ހިޔާލެއް ނޫނެވެ.

އުރުދުޣާން ވަނީ މީގެ ކުރިން އިންޓަރެސްޓް ރޭޓް ދަށް ކުރުމާ ދެކޮޅު ހެދި އެގައުމުގެ ސެންޓްރަލް ބޭންކުގެ ހަތަރު ގަވަރުނަރަކު ވެސް މަގާމުން ދުރުކޮށްފަ އެވެ. – އަލް އަރަބިއްޔާ