އެއްވެސް ގުޅުމަކީ ފުރިހަމަ ގުޅުމެއް ނޫނެވެ. ލޯބިވެގެން އުޅޭ ދެ މީހެއްގެ ދެމެދުގައި މައްސަލައެއް ނުޖެހި ދިއުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. މައްސަލަ ޖެހުނަސް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. އޮތީ އެކަން ހައްލުކޮށް ކުރިއަށް ދިއުމެވެ.
އެހެން ނަމަވެސް ބައެއް ފަހަރު މައްސަލައެއް ޖެހޭއިރަށް ބްރޭކް-އަޕް ވާން ހިތަށް އަރަ އެވެ. އަދި ގާތްތިމާގެ މީހުންނާ ރަހުމަތްތެރިންނާ ހިއްސާކޮށްލުމުން ވެސް ލިބޭ ނަސޭހަތަކީ ބްރޭކް-އަޕް ވުމެވެ. ކަން މިހެން އޮތުމާއި އެކު ވެސް މިއީ ހަގީގަތުގައި ބުނެލެވޭހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. މީހަކާ ލޯބީގެ ގޮތުން ގުޅެނީ ލައްކަ ކަމަކަށް ވިސްނާފައި ލައްކަ ސަބަބުތަކާ އެކު އެވެ. ކުއްލިއަކަށް އެ ހުރިހާ ކަމެއް ހަނދާން ނައްތާލާގައި އެ ގުޅުން ކަނޑާލުމަކީ ފަސޭހަ ކަމެއް ނޫން ކަން މިކަން ތަޖުރިބާ ކޮށްފައި ތިބޭ އެންމެނަށް ވިސްނޭނެ އެވެ.
ބްރޭކް-އަޕް ވާން ބޭނުންވެފައި ތިބި މީހުން، އެކަން އެގޮތަށް ކުރުމުގެ ކުރިން ތިރީގައި މިވާ ކަންތައްތަކަށް ވިސްނާލާށެވެ.
އަސްލު މައްސަލައަކީ ކޮބާ؟
ގިނަ ފަހަރަށް ޒުވާބުކުރުންތައް ގިނަވެގެން ގޮސް ހަގީގަތުގައި ޒުވާބުކުރަން ފެށުނީ ކީއްވެ ކަން ހަނދާން ނެތޭ ދަރަޖައަށް ކަންތައް ދެ އެވެ. އަދި ވަރަށް ކޫސަނި ކަންތަކާ ހެދިވެސް ބޮޑު ޒުވާބުތައް ފެށެ އެވެ. އަހަރެން ވެސް އެއްފަހަރަކު ގުޅަ ދަޅެއްގެ މައްސަލަ ވަރަށް ބޮޑު ކޮށްލީމެވެ.
އެކަމަކު ހަގީގީ މައްސަލައަކީ ގުޅަ ދަޅެއް ނޫނެވެ. އަސްލު މައްސަލަ ގުޅިފައި ވަނީ މުޅިން އެހެން ކަމަކާއި އެވެ. ދެ މީހުން ވެސް ހަމަޖެހިލާފައި އެ ކަމަކީ ކޮބައި ކަން ދެނެގަނެ މައްސަލަ ހައްލުކުރުމަކީ ބުއްދިވެރި ކަމެކެވެ. ބްރޭކް-އަޕް ވާނީ މައްސަލަ ހައްލު ވާނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
ދެ މީހުންގެ މުސްތަގުބަލަށް އޮތް ޕްލޭން ތަކަކީ ކޮބާ؟
މިއީ ދެ މީހުން އެއްކޮށް އުޅޭ އިރު ދެނެގަތުން މުހިއްމު ކަމެކެވެ. މިސާލަކަށް އެކަކީ ވަރަށް ގިނައިން ދަތުރުކޮށް ރައްޓެހިންނާއެކު މަޖާކުރުމުގައި އުޅޭ މީހަކަށް ވެފައި އަނެކަކީ މަޑުމައިތިރި އަދި ގޭގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ މީހެއް ނަމަ ގިނައިން މައްސަލަ ޖެހުން އެކަށީގެންވެ އެވެ.
މީގެ އިތުރުން ދަރިން ހޯދުމާއި ވަޒީފާ އަދާކުރުމުގެ ޕްލޭންތައް ހުރީ ކިހިނެތްތޯ ވެސް ދެނެގަންނަން ޖެހެ އެވެ. މިސާލަކަށް ތިބާ ދަރިން ހޯދަން ބޭނުންވަނީ ވަޒީފާގައި ކުރިއެރުން ހޯދާފައި ކަމަށްވާ ނަމަ އެކަމުގައި ބައިވެރިޔާ އެއްބާރުލުން ދެންޏާ ވަރަށް ސަޅި އެވެ. ދެމީހުންގެ ވެސް މިފަދަ އެއްގޮތް ޕްލޭންތައް ހުންނަ ނަމަ އެ ގުޅުމުގައި ދެމިތިބެން ފަސޭހަ ވާނެ އެވެ.
އެކަކު އަނެކަކާއި ވާހަކަ ދައްކަންތަ؟
މުއާމަލާތު ކުރުމަކީ ކޮންމެ ގުޅުމެއް ވެސް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސިއްރެވެ.
ކޮންމެ މީހެއްގެ ވެސް އަމިއްލަ ދިރިއުޅުމަކާއި އަދާ ކުރަން ޖެހޭ ޒިންމާތަކެއް އޮންނާ އެވެ. އެހެން ނަމަވެސް ލޯތްބަކީ އޭގެ ތެރެއިން އެންމެ މުހިއްމު ކަމަށް ވާން ޖެހޭނެ އެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ވާ ކަންތައް ބަލާ، އަޑު އަހަން ވާނެ އެވެ. އެހެން ނަމަވެސް ތިމާ އޭނާގެ ދިރިއުޅުމާ މެދު ބަހައްޓާ ވަރަށް ތިމާގެ ދިރިއުޅުމާއި މެދު އޭނާ ޝައުގުވެރިކަމެއް ނުބަހައްޓާ ކަމަށް އިހުސާސު ވަންޏާ ތި ގުޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދާން ފެނެ އެވެ.
ބައިވެރިޔާ އާއި އެކު ހޭދަކުރާ ވަގުތުތައް އުފާވެރިތަ؟
މިއީ ކޮންމެހެން ވެސް އަމިއްލަ އަށް ޓެސްޓް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ލޯބިވެރިޔާއާއި އެކު ހޭދަކުރާ ވަގުތުތަކަކީ ހިތްހަމަ ޖެހޭ އަދި އުފާވެރިކަން ގެނެސްދޭ ވަގުތު ތަކެއް ނަމަ އެއީ ހެޔޮ ފާލެކެވެ. އެހެން ނަމަވެސް އެއްވެސް މައްސަލައެއް ނުޖެހޭ އިރު ވެސް ބައިވެރިޔާއާއި އެކު ވަގުތު ހޭދަ ކުރާ އިރު ތިބާ "މޫޑް އޮފް" ވެފައި ހުންނަ ނަމަ އެއީ އާދައިގެ ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ.
ދެ މީހުން ވެސް ކޮމްޕްރޮމައިސް ކުރަންތަ؟
ކޮމްޕްރޮމައިސް ކުރުމަކާއި ނުލާ އެއްވެސް ގުޅުމެއް ދެމި ނޯންނާނެ އެވެ. ސަބަބަކީ ދެ މީހުންނަކީ ވެސް ތަފާތު ވިސްނުމުގެ، ތަފާތު އެކި ކަންތައްތަކަށް ލޯބިކުރާ މީހުންނަށް ވުމެވެ.
އެހެން ނަމަވެސް އަބަދު އޭނާގެ އުފަލަށްޓަކައި ތިމާގެ އުފާތައް ގުރުބާން ކުރާ ނަމަ އެއީ މައްސަލަ އެކެވެ. މިފަދަ ގުޅުންތަކުގައި އުޖާލާ މުސްތަގުބަލެއް ނޯންނާނެ އެވެ.
އެއް އަތް ތެޅިޔަސް އަޑެއް ނުކިޔާނެއޭ ބުނާ ބީދައިން ލޯބީގެ ގުޅުމެއްވެސް ދެމި އޮންނާނީ ދެ ފަރާތުންވެސް އެއްވަރަކަށް އެކަމަށް އެއްބާރުން ދީގެންނެވެ.