މި ސަރުކާރުން އަނެއްކާވެސް ފައިސާ ޗާޕުކުރަން އުޅެނީ ރައްޔިތުން ބަނޑަށް ޖައްސަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ފައިސާ ޗާޕް ނުކުރާނަމަ ދެން އޮތީ ގައުމު ބަނގުރޫޓުވުން ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްކުރަން މަސައްކަތް ކުރަމުން ދަނީ ރައްޔިތުން "ގަން ޕޮއިންޓެއް" ގައި ބައިތިއްބައިގެން ކަމަށެވެ. އެެހެން ކަމުން ރައްޔިތުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަގާމުން އަޒުލު ކުރަން ޝިޔާމް ގޮވާލެއްވި އެވެ.
ޝިޔާމް ވިދާޅުވީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖެ މިއޮތީ ބަނގުރޫޓު ވެފައި ކަމަށެވެ. އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އިރުޝާދުތަަކަށް މިސަރުކާރުން ބޯނުލަނބާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
" ބޭނުންހާ ގޮތެއް އަދި ހިތު ހުރިހާ ގޮތެއް ހަދަނީ. ބައްލަވާ އާސަންދައިން މިފަހަރު ރައްޔިތުންނަށް އެއްޗެއް ދޭންވީމަ އެއޮތީ ކަނޑާލާފަ. 1043 ސިޔާސީ މަގާމު އެބަ އުފައްދާ 2022 ވަނަ އަހަރު،" ޝިޔާމް ވިދާޅުވި އެވެ.
ފައިސާ ޗާޕުކޮށްފިނަމަ ޑޮލަރުގެ އަގު އުފުލޭނެ ކަމަށާއި، ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ބުނެ އިތުރަށް ފައިސާ ޗާޕުކުރަން ހުއްދަ ނުދިނުމަށް އެމްއެމްއޭއިން ބަޖެޓު ދިރާސާކުރި މަރުހަލާގައި އެދިފައިވީ ނަމަވެސް ފައިސާ ޗާޕުކުރަން ހުއްދަ ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވަނީ ނިންމާފަ އެވެ.
އެކުދިން އެތިބީލާރި މޮޔަވެފައި ކަމަށް ބެލެވެނީ އަބަދު ފައިސާ ފައިސާނޫން ވާހަކައެއް ދަށްކާއަޑެއް ނޫން އެހެން އަޑެއްނުއިވޭ