ވިލާ ހަކަތައިން ކުރާ ތެލުގެ ވިޔަފާރީގެ ތެރެއިން މަނީލޯންޑާކުރާ ކަމަށް ތުހުމަތުކޮށް ބަޔަކު ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިލާ ގްރޫޕް އޮފް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގާ ވިލާ ހަކަތައިން ކުރާ ތެލުގެ ވިޔަފާރީގެ ތެރެއިން މަނީލޯންޑްރިންގެ ހަރަކާތްތަކެއް ހިންގާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާދު މިއަދު ވިދާޅުވީ އެ ކުންފުނިން ކުރަމުން އަންނަ ތެލުގެ ވިޔަފާރީގެ ތެރެއިން މަނީލޯންޑާކުރާ ކަމަށް ބުނެ ޓުވިޓާގައި ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ. އަދި އެކަމުގެ އެއްވެސް ހަގީގަތެއް އެކުލެވޭ ނަމަ ނުވަތަ ޑޮކިއުމަންޓްތަކެއް ހުރި ނަމަ އެ ތަކެތި ސިއްރުކުރުމުގެ ބަދަލުގައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ބުނަން ކެރޭ ވިލާ ހަކަތައިން މަނީލޯންޑްރިންގެ އެއްވެސް ހަރަކާތެއް ހިނގާފައެއް ނުވާނެ. އަޅުގަނޑުމެން މި ވިޔަފާރިކުރަނީ ވަރަށް ޓްރާންސްޕޭރަންޓްކޮށް، ހަމަޖެހިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން،" ގާސިމްގެ ދަރިކަލުން ވިދާޅުވި އެވެ.

ވަރަށް މަދުން ނޫނީ މީޑިއާއާ ވާހަކަނުދައްކަވާ ސިޔާދު ވިދާޅުވީ އެ ކުންފުނިން ރާއްޖެ ގެންނަ ތެޔޮ ގަންނަނީ އޮމާންގެ ނެޝަނަލް އޮއިލް ކޮމްޕެނީން ކަމަށެވެ. އަދި އެ ކުންފުނިން ގަންނަ ތެލަށާއި ވިލާ ހަކަތައަށް އިމްޕޯޓުކުރާ ހުރިހާ މުދަލަކަށް ފައިސާ ދައްކަނީ ބޭންކު ޓްރާންސްފާ މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ރިސޯޓުތަކަށާއި ރީޓެއިލް ވިޔަފާރިއަށް ގެންނަ މުދާ މިގެންނަނީ ބޭންކު ޓްރާންސްފާ މެދުވެރިކޮށް. އެއްވެސް ގޮތަކަށް ނަގުދު ފައިސާއަކުން ބޭރުގެ ކުންފުންޏަކަށް ފައިސާ ދައްކާފައެއް ނޯންނާނެ،
ސިޔާދު

"އަޅުގަނޑުމެންގެ ރިސޯޓުތަކަށާއި ރީޓެއިލް ވިޔަފާރިއަށް ގެންނަ މުދާ މިގެންނަނީ ބޭންކު ޓްރާންސްފާ މެދުވެރިކޮށް. އެއްވެސް ގޮތަކަށް ނަގުދު ފައިސާއަކުން ބޭރުގެ ކުންފުންޏަކަށް ފައިސާ ދައްކާފައެއް ނޯންނާނެ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ވިލާ ހަކަތައިން މިއަހަރުގެ ކުރީކޮޅު ވަނީ ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަދެ، މާލޭގައި ދެ ސުޕަ މާކެޓެއް ހުޅުވައިފަ އެވެ. އަދި އެ ސުޕަ މާކެޓްތަކަށް ބޭނުންވާ ބައެއް މުދާ ދުބާއީން ގެންނަނީ މެގަޓަން ކިޔާ ކުންފުންޏަކުން ގަނެގެންނެވެ. ވިލާ ހަކަތައިން އެ މުދާ ގަންނަ ރާއްޖެއަށް ސަޕްލައިކޮށްދެނީ މަލްކޯ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުންނެވެ.

ސިޔާދު ވިދާޅުވީ މަލްކޯ އިންޓަނޭޝަނަލްއަކީ ވިލާ ހަކަތައިގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ކުންފުނިތަކަށް ވެސް މުދާ ސަޕްލައިކޮށްދޭ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުންޏަށް ވިލާއިން ނަގުދު ފައިސާ އިން ޕޭމަންޓްތައް ދައްކާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ވިޔަފާރީގެ ތެރެއަށް ވަނުމުން ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބޭނެކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު އަޅުގަނޑުމެން މި ވިޔަފާރީގެ ތެރެއަށް ވަނީ ކޮންމެހެން ނުފުދިގެން ކުރާނެ ކަމެއް ނެތިގެނެއް ނޫން. ރާއްޖެއިން އާއްމުކޮށް ލިބެން ނުހުންނަ މޮޅު އުފެއްދުންތައް އަގުހެޔޮކޮށް ގެނެސް ވިއްކުން އަޅުގަނޑުގެ ބޭނުމަކީ،
ސިޔާދު

"އަޅުގަނޑުމެން މި ވިޔަފާރީގެ ތެރެއަށް ވަނުމުން ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބޭނެކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު އަޅުގަނޑުމެން މި ވިޔަފާރީގެ ތެރެއަށް ވަނީ ކޮންމެހެން ނުފުދިގެން ކުރާނެ ކަމެއް ނެތިގެނެއް ނޫން. ރާއްޖެއިން އާއްމުކޮށް ލިބެން ނުހުންނަ މޮޅު އުފެއްދުންތައް އަގުހެޔޮކޮށް ގެނެސް ވިއްކުން އަޅުގަނޑުގެ ބޭނުމަކީ،" ސިޔާދު ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓާއި އަމިއްލަ އެއާލައިނަކާއި ތެލާއި ގޭހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވިލާ އިން ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހުނު ސަބަބާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަނީ ވިލާގެ ރިސޯޓުތަކަށް ބޭނުންވާ ސާމާނު ގެނައުމުގެ ތެރެއިން ކަމަށެވެ. އަދި މާލޭގައި ކުއްޔަށް ހިފާފައި ހުރި ތަންތަން ކޮވިޑާ ހެދި ބޭނުން ނުކުރެވި ކުލި ދައްކަން ޖެހޭތީ ރީޓެއިލް ދެ ފިހާރައެއް މިއަހަރު ހުޅުވީ ކަމަށް ވެސް ސިޔާދު ވިދާޅުވި އެވެ.

"ކުރިޔަށް އޮތްތަނުގައި އަޅުގަނޑުމެން ނިންމާފައި ވަނީ ރީޓެއިލް ވިޔަފާރި ފުޅާކުރަން. ބަޔަކު ކިޔާ އެއްޗަކަށް ވުރެ ބޮޑަށް އަޅުގަނޑު ބަލަނީ އާއްމުންނަށް ރަނގަޅު ފެންވަރުގެ މުދާ ގެނެސް ރާއްޖޭގައި ނުކުރާ ފެންވަރަށް މި ވިޔަފާރި ކުރަން،" އޭނާ ވިދާޅުވި އެވެ.