މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުން އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ. ޔައުގޫބް މިހާރު ވަނީ އެ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ހަލީމް ވިދާޅުވީ އެހެން މަގާމަކާ ހަވާލުވުމުން މެމްބަރުކަން ގެއްލޭނެ ކަމަށް ސާފު އިބާރާތުން ގާނޫނު އަސާސީގައި ނެތަސް، މެމްބަރުކަން ގެއްލޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެކަން އެނގެން އެބައޮތް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވުމުން އޭނާއަށް ރުހުން ދޭން މަޖިލީހުން ދެކޮޅު ހެދުމުން އެ ހާލަތުގައި މަގާމު ގެއްލޭނެ ކަމަށް މަޖިލީހުން ގަބޫލުކުރާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައްސަދުގެ ވަކީލް އަލީ ޝާހު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައި ނެތަސް، މަނާ ކަމެއް މެމްބަރަކު ކޮށްފި ނަމަ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓަށް ނިންމިދާނެ އެވެ. އަދި އެހެން ވަޒީފާތައް މެމްބަރުން އަދާކުރަން ފުރުސަތު ދީފި ނަމަ ސަރުކާރު ކުންފުނިތަކުގެ ބޯޑުގައި ވެސް މެމްބަރުން ތިބެން ފަށާނެ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔައުގޫބްގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ޔައުގޫބް ހަވާލުވީ ދައުލަތުގެ މަގާމަކާ ނޫން ކަމަށެވެ. އަދި އެއީ ދައުލަތުގެ މަގާމެއް ކަމަށް ބެލިޔަސް، އެއީ އޭނާގެ ގޮނޑި ނުގެއްލޭނެ ސަބަބެއްގެ ގޮތުގައި މަހްފޫޒް ވިދާޅުވީ އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނެތުމުންނެވެ. ގާނޫނު އަސާސީގައި ނެތް ކަމެއް ސުޕްރީމް ކޯޓަށް ވެސް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ފަރާތަށް ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވުމަށް ފަހު ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ. ވަކި ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.