ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެންމެ ރަގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް މިރޭ އެވޯޑް ދީފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބޭއްވި އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި 2020 ވަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދީ ހެޑް އޮފް ބޭންކިން ސޮލިއުޝަންސް އަފްރާހް އަހުމަދު އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމެވެ. ކޮވިޑް-19 ގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ފަޚުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ހެޑް އޮފް ލޯން ސާވިސަސް ހައްވާ ޝީނިއާޒް އަދުނާން ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފަ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކޮވިޑްގެ މުއްދަތަކީ ބޭންކަށާއި މުޅި ގައުމަށް ވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ދިނުމަށްޓަކައި މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ލާމަސީލް މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް. ތިޔަ މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް،" ޓިމް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ސަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ލޯންގް ސާވިސް އެވޯޑް ދީފަ އެވެ.