ކާބުލް (02 ނޮވެމްބަރު) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި އަސްކަރީ ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަކާއެކު ގޮވި ގޮވުންތަކުގައި 15 މީހަކު މަރުވެ 34 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ތާލިބާނުން ބުނެފި އެވެ.
ތާލިބާނުގެ އިންޓީރިޔާ މިނިސްޓްރީގެ ތަރުޖަމާނު ގާރީ ސައީދު ޚުސްތީ ވިދާޅުވި ގޮތުގައި ކާބުލްގެ މައި ސަރަހައްދުގައި ހުރި މުހައްމަދު ދާވޫދު ޚާން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާއެއް ދިނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އެ ތާލިބާނުގެ ސެކިއުރިޓީ އޮފިސަރަކު ވަނީ ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، އެ ހަމަލާގައި 15 މީހުން މަރުވެ، 34 މީހަކު ޒަޚަމްވެގެން ފަރުވާ ހޯދަމުންދާކަމަށް ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ހޮސްޕިޓަލުގެ ސަރަހައްދު ދުމުން ފުރިފައިވާއިރު، އެ ސަރަހައްދުގައި ދެ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަމުން ދިޔަ އެވެ.
މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި ތާލިބާނުން ވެރިކަމަށް ގަދަވެގަތުމަށްފަހު އެ ގައުމުގައި ދެވޭ މިފަދަ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން ދިޔަ ދެ ހަފުތާގެ ހުކުރު ދުވަހު ހުކުރު ނަމާދުގެ ވަގުތުގައި ވެސް އެ ގައުމުގެ މިސްކިތްތަކަށް ވަނީ މިފަދަ ހަމަލާތަކެއް އަމާޒުވެފަ އެވެ.
އަސްކަރީ ހޮސްޕިޓަލަށް ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް މިއީ އައިސިސްގެ އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ފާއިތުވި އަހަރުތަކުގައި އައިސިސް އިން ވަނީ އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީ އަފްޣާނިސްތާނުގައި އޮތް އެ ޖަމާއަތުގެ އޮޕަރޭޝަން ވަރުގަދަކޮށްފަ އެވެ. -- އަލް އަރަބިއްޔާ