ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ރާއްޖޭއިން ކޮންޓްރޯލް ކުރެވިފައިވީނަމަވެސް ގައިން ގަޔަށް ނާރާ ބަލިތަކާމެދު ދިވެހިންގެ ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ރާއްޖޭގެ ކަމާބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.
އެގޮތުން ރާއްޖޭގައި އެންމެ ބޮޑަށް އާއްމުވަމުންދާ އެއް ބައްޔަކީ ހިތުގެ ބައްޔެވެ. ހިތުގެ ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބަކަށް ބެލެވެނީ ސިއްހީ ގޮތުން ރަނގަޅު އާދަތަކެއް ނުގެންގުޅެވުމެވެ. ގަވައިދުން ކަސްރަތު ނުކުރެވުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ނުކުރެވުމެވެ.
ކަސްރަތު ކުރުމަކީ ދިވެހިންގެ ބުރަ ޝެޑިއުލްގައި ވަގުތު ގިނަ ފަހަރަށް ނުވެފައި އޮންނަ ކަމަކަށް ވާއިރު ހިތުގެ ބަލިތައް ފެތުރުން މަދު ކުރުމަށް ގަވައިދުން މޭވާއެއް ބޭނުން ކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން އަންނާރަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުން ދިފާއުވުމަށް އެހީތެރިވެދޭ މޭވާއެކެވެ.
ހިތުގެ ބަލިތައް އާންމު ގޮތެއްގައި ޖެހެނީ ހިތުން ލޭ ދައުރުކުރާ ނާރުތަކުގެ ތެރޭގައި ލޭގަނޑުވުން ނުވަތަ ނާރުތަކުގެ ތެރޭގައި ސަރުބީ ޖެހުމުން ލޭދައުރުކުރާ ނިޒާމަށް އަރާ ބުރުލެއްގެ ސަބަބުންނެވެ. އަންނާރު ދިޔައިގައި އެކުލެވޭ މާއްދާއަކުން މި ފަދަ މައްސަލަތައް މަދުކުރުމަށް އެހީތެރިވެދެ އެވެ.
އަންނާރު ދިޔަ އައްމު ގޮތެއްގައި ބޯ މީހުންނަށް އެހެނިހެން ފައިދާތައް ލިބޭ ކަމަށް ވެސް ހޯދުންތަކުން ދައްކަ އެވެ. އެގޮތުން ލޭގެ ޕުރެޝަރު ދަށްކޮށްދީ އިންފެކްޝަންތަކުން ދުރުކޮށްދިނުމަށް އަންނާރު ދިޔަ ބޭނުން ކުރެވިދާނެ އެވެ.