ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 60 މެމްބަރަކު ހޮވުމަށް އިންޑިޔާއިން ޚަރަދުކުރިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަދައްކަވައިފި އެވެ.
މަޖިލީހުގައި ފޮރިން ސަރވިސް ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ އޭނާއަތުން ފައިސާ ނަގައިގެން ކަމަށާއި އިންޑިޔާ އަތުން ފައިސާ ނަގައިގެން މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްގެން ތިބުމަކީ ލަދުވެތި ކަމެއް ކަމުގަ އެވެ. ދިވެހިރާއްޖެ މިއޮތީ އިންޑިޔާ އޯޝަނަކު ނޫން ކަމަށާއި ރާއްޖެ މިއޮތީ ރާއްޖޭގެ އޯޝަންގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ނާންގާ އަސްކަރީ އެއްވެސް އެގްރިމެންޓެއް ނެހެދޭނެ ކަމަށް ވިދާޅުވި އެވެ.
"މިރާއްޖޭގެ ކަންކަން ނިންމާނީ ރާއްޖެއިން. މި މަޖިލީހުން. މަޖިލީހަށް ނޭނގި އެއްވެސް އަސްކަރީ އެގްރިމެންޓެއް ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައި އެއޮތީ. މިމަޖިލީހުން ހުއްދަ ނުހޯދާ މިމަޖިލީހުން ދިން ހުއްދައިގެ އިތުރަށް ވަޒީރު އެހެން މަގާމެއް އަދާކުރާން ނުޖެހޭނެ ކަމަށް ބުނެފަ އޮތީ. މަޖިލީހުން ހަދާފައިވާ ގާނޫނު އަސާސީއާ ހިލާފަށް ގައުމު އޮޕަރޭޓްކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހުވާ ކޮށްފަ. ރައީސުލްޖުމްހޫރިއްޔާ ހުވައާ ހިލާފު ވެއްޖެ ނޫންތޯ؟ އޭނާ ޒިއްމާދާރުކުރަންވީ ނޫންތޯ؟" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަންޖެހޭ ކަމަށެވެ. އަދި ކުރިން ރައީސް ސާލިހާއި ރައީސް ނަޝީދު ދެއްކެވީ ރައީސް ޔާމީނު ވައްކަންކުރާ ވާހަކަ ކަމަށާއި ނަމަވެސް ޑިމޮކްރެސީ ގެންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ގައުމު ފުނޑާލައިފި ކަމަށެވެ.
ޖާބިރު ވިދާޅުވީ މިދާރޭޓުން ދާ ކަމަށްވާނަމަ މަލިކަށް ވީގޮތަށް މިގައުމު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އޭނާއަކީ އިންޑިޔާއާއި ވަރަށް ގާތް މީހެއް ކަމަށާއި އޭނާގެ ދަރިންގެ މަންމައަކީވެސް އިންޑިޔާ މީހެއް ކަމަށާއި އެހެންނަމަވެސް މިގައުމުން އެންމެ އިންޗިއެއްވެސް ގެއްލިގެން ދާން ބޭނުން ނުވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބެ އެވިދާޅުވީ ތެދެއް.